ދިރާސާތަކެއް ހަދައިފިން، ރަނގަޅު ކުރަންވީ ކަންކަން އެނގޭ: ރައީސް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަށް ފަހު ދިރާސާތަކެއް ހަދާފައިވާ ކަަމާށާއި ދެވަނަ ބުރަށް ރަނގަޅު ކުރަންވީ ކަންކަން އެނގިލައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ...

12 Sep 2023 | 17:13

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަށް ފަހު ދިރާސާތަކެއް ހަދާފައިވާ ކަަމާށާއި ދެވަނަ ބުރަށް ރަނގަޅު ކުރަންވީ ކަންކަން އެނގިލައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީން ކުރާ މަސައްކަތަކީ މި ރާއްޖެ ކުރިން އޮތް އަނިޔާވެރިކަމަށް ދިޔަ ނުދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

މަސައްކަތްތަކެއްކޮށް، އެކަމުން ބޭނުންވާ ނަތީޖާ އެ ވަގުތަކަށް ނުފެނުމުން ކޮންމެ މީހަކަށްވެސް މާޔޫސްކަމެއް އަންނާނެ ކަމަށާއި އެއީ ޠަބީއީ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ މާޔޫސްކަން ފަހަތަށް ދުއްވާލާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަނެއްކާވެސް މިރޭ މި ފަށައިގަންނަނީ އަޅުގަނޑުމެން9 ޖުލައިގައި ފެށި މަސައްކަތް. އެއީ މި ރާއްޖެ ތަރައްގީ ކުރުމަށްޓަކާ އަޅުގަނޑުމެން ހިފައިގެން ނުކުތް މެނިފެސްޓޯ ތަންފީޒު ކުރުމުގެ މަސައްކަތް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނުކުތީ އުންމީދު ކުރި ގޮތަށް ނޫން ކަމަށެވެ. އެއީ އިންތިހާބުތަކުގައި ބައެއް ފަހަރު ކަން ވާގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީ ކޯލިޝަނަކީ މިފަދަ އެތައް ތަޖުރިބާއެއް ކޮށްފައިވާ ބައެއް ކަމަށާއި، މީގެ ކުރިން ކޮށްފައިވާ ސިޔާސީ ކަންކަމުގައިވެސް ކާމިޔާބީއާއި ނާކާމިޔާބީ ތަޖުރިބާ ކޮށްފައި ވާނެ ކަމަސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އިންތިހާބުގެ ދެވަނަ ދައުރުގައި ކުރިއަށްވުރެ ގަދަކޮށް ނުކުމެ ކާމިޔާބު ހޯދުމަށް ރައީސް ގޮވާލެއްވިއެވެ.

"އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ ވަރަށް ސާފުކޮށް އެބަ ފެނޭ، އަޅުގަނޑުމެންގެ މި ޓީމު މި އޮތް ގޮތަށް މަސައްކަތް ކުރެވިއްޖެއްޔާ އިރާދަކުރެއްވިއްޔާ މި އިންތިހާބު ބޮޑުތަކުން ކާމިޔާބު ކުރެވޭތަން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރު ނިމުމާއެކު ޓެކްނިކަލް ޓީމުން ދިރާސާތަކެއް ހަދާފައިވާ ކަމަށާއި، ދެވަނަ ބުރަށް ރަނގަޅު ކުރަންވީ ކަންކަން ވަރަށް ސާފުކޮށް އެނގިލައްވާ ކަމަށެވެ.

އެހެންކަމުން ބަދަލު ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ފޯރިޔާ ޖޯޝާއެކު އަލުން ފަށައިގަނެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

އިންތުހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39.05 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ ދެވަނަ ބުރެއްގެ ވޯޓުންނެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް