ދެވަނަ ބުރެއް ބާއްވަން 44 މިލިއަން ދޭން ފިނޭންސްގައި އެދޭނަން: އީސީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން 44 މިލިއަން ރުފިޔާ ދޭން ފިނޭންސް މިނިސްޓްރީގައި އެދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ. އީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ...

12 Sep 2023 | 16:22

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން 44 މިލިއަން ރުފިޔާ ދޭން ފިނޭންސް މިނިސްޓްރީގައި އެދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، އިންތިހާބަށް މަޖިލީހުން ވަނީ ބަޖެޓެއް ފާސްކޮށްދެއްވާފައި ކަމަށެވެ. ނަމަވެސް އެއީ ދެވަނަ ބުރެއް ބޭއްވޭ ގޮތަށް އޮތް ބަޖެޓެއް ނޫން ކަމަށް ހަބީބް ވިދާޅުވިއެވެ.

ލަފާކުރެވޭ ގޮތުގައި، ދެވަނަ ބުރެއް ބާއްވަން ގާތްގަނޑަކަށް 44 މިލިއަން ރުފިޔާ ހަރަދުވާނެ ކަަމަށާއި، އެ ފައިސާ ހޯދުމަށް މާދަމާ ފިނޭންސް މިނިސްޓްރީގައި އެދޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ދެވަނަ ބުރެއް ބޭއްވޭނީ ބަޖެޓް ލިބިގެންކަން ފާހަގަ ކުރައްވައި ހަބީބު ވިދާޅުވީ އިންތިހާބުގެ އޮފިޝަލުންނަށާއި، ދަތުރުފަތުރަށް އަދި ވޯޓު ކަރުދާހަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށެވެ.

އެ ހަރަދުތައް ކުރެވެން އޮތީ އިތުރު ބަޖެޓެއް ލިބިގެން ކަމަށް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ. ވޯޓުލުން ކުރިއަށް ދާނީ އެދުވަހު ހެނދުނު8:00 ން ހަވީރު5:00 އަށެވެ.

ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީ ކޯލިޝަންގެ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

ދެވަނަ ބުރުގައި ރީ ރަޖިސްޓަރ ކުރަން ފުރުސަތު ހުޅުވާލަން ހަމަޖެހިފައި ވަނީ މި މަހުގެ15،16 އަދި17 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް