ނ. މާޅެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ނިމިދިޔަ ހުކުރު ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކޮށްފައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްތީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނެފައިވާ ގޮތުގައި މާޅެންދޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ، އާދަޔާ ޙިލާފަށް ރަށް ގިރަމުން ދިޔުމާއެކު، ރަށުގެ އައްސޭރިފަށުގެ ރީތިކަން ގެއްލި، މޫދަށް އެރިލާ ނެ ރީތި ގޮނޑުދޮށެއް ނެތުމުގެ މައްސަލައެވެ.
އެގޮތުން، މާޅެންދޫ ގޮނޑުދޮށް ހިމާޔަތް ކުރެވުމާއެކު، ރަށްގިރުމުގެ ނުރައްކަލަށް ބޮޑު ހައްލެއް ލިބި، ހިމާޔަތްކުރެވިފައިވާ ގޮނޑުދޮށެއް މި ރަށު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
މި މަޝަރޫޢުގެ ދަށުން މާޅެންދޫ ޖެޓީ ހަދާ ނިމުމާއެކު، ލަފާ ފުރުމުގެ ދަތިތަކާ ހުރެ، މާލެއިން މުދާ ބަރުކޮށްގެން އަންނަ އުޅަނދުތަކާއި، ރަށަށް އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ދިމާވަމުންއަންނަ ދަތިތަކަށްވެސް ހައްލު ލިބިގެން ދާނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރައްވާފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، 9,735 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 73 މީޓަރުގެ ގްރޮއިން ޖެހުމާއ، 386 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 175 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 47 މީޓަރުގެ އެއްގަމުތޮށި ލުމާއި، 30 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ޖެ ޓީއެއް ހެދުމާއި، 928 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި،ި ބަނދަރު ބައްތި އާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 32.34 މިލިއަން ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް