ރ. ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ނިމިދިޔަ ހުކުރު ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކޮށްފައިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނާ ގޮތުގައި މި ރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ހޭޅިފަށް ހަލާކުވެ އާދަޔާ ޙިލާފަށް ރަށް ގިރަމުން ދިޔުމާއެކު، ރަށުގެ ރީތި މަލަމަތި ހަލާކުވެ ރަށަށް ގިނަ ގެއްލުންތަކެއް ލިބެމުންދާ މައްސަލައެވެ.
އެހެންނަމަވެސް، ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރަށްގިރުމުގެ ނުރައްކަލަށް ބޮޑު ހައްލެއް ލިބި، ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް މި ރަށު ރައްޔިތުންނަށް މުސްތަޤުބަލުގައި ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
މީގެ އިތުރަށް، މި މަޝްރޫޢުގެ ދަށުން، 473 މީޓަރުގެ ގްރޮއިން ޖެހުމާއި، 320 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 100 މީޓަރުގެ ލޯ ކްރެސްޓެޑް ބޭރުތޮށި ލުމާއި، 20,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ހާމަކުރައްވާފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސިސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 29.94 މިލިއަން ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް