ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތް ދަށް ވުމުން، ދެވަނަ ބުރުގައި ވޯޓުލާ ވަގުތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ފުރަތަމަ ބުރުގެ ވޯޓުލުން ހިނގާ ދިޔަ ގޮތާމެދު އެކި ފަރާތްތަކުން ހުށަހަޅާފައިވާ ރިޕޯޓްތަކަށް ބަލައި، ދެވަނަ ބުރެއްގައި ރަނގަޅު ކުރަންވީ ކަންކައްތަމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް، ކުރީ އިންތިހާބުތަކާ އަޅާ ބަލާއިރު، ދަށް ކަމަށް ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
އެހެންކަމުން އީސީގެ ލަފާދޭ ކޮމިޓީގެ މަޝްވަރާއާއެކު އީސީން ނިންމާފައި ވަނީ، ދެވަނަ ބުރެއްގެ ވޯޓުލުން ކުރިއަށް ގެންދާނީ ސެޕްޓެމްބަރު30 ވަނަ ދުވަހުގެ ހެނދުނު8:00 ން ހަވީރު5:00 ށް ކަމަށެވެ. އެހެންކަމުން ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ވޯޓުލެވޭ ވަގުތު އެއް ގަޑިއިރު އިތުރު ވާނެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބަކީ، މިހާތަނަށް ރާއްޖޭގައި އެންމެ މަދުން މީހުން ވޯޓުލީ އިންތިހާބު ކަމަށް ތަފާސްހިސާބު ތަކުން ދައްކައެވެ.
ވޯޓުލާ ވަގުތު ހަމަވިއިރު ފާހަގަވި ކަމަކީ، މިއީ 2008 ވަނަ އަހަރުގެ ފަހުން އެންމެ މަދުން މީހުން ވޯޓުލީ އިންތިހާބު ކަމެވެ. އެގޮތުން މިއަދު ވޯޓު ލާފައި ވަނީ ވޯޓު ލެވޭ އާބާދީގެ ގާތްގަނޑަކަށް 79 އިންސައްތަ މީހުންނެވެ. މީގެ ކުރީގެ އިންތިހާބު ތަކުގައި ވޯޓުލީ އަދަދުތައް:-
- 2008 – 86.5 އިންސައްތަ ވޯޓު ލީ
- 2013 – 91.4 އިންސައްތަ މީހުން ވޯޓު ލީ
- 2018 – 89.2 އިންސައްތް މީހުން ވޯޓު ލީ
ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން ނިމުނުއިރު، ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގެ ފުރަތަމަ ބުރުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް