ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނު ކޮށްފިއެވެ.
ދާއިމީ ނަތީޖާ އިއުލާނު ކޮށްފައި ވަނީ މިއަދު އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ދާއިމީ ނަތީޖާއަށް ބަލާއިރު، ވަގުތީ ނަތީޖާއާ އެއްވެސް ތަފާތެއް ނެތެވެ.
އިންތުހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39.05 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ ދެވަނަ ބުރެއްގެ ވޯޓުންނެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.
ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވީ ރައީސް ނަޝީދު ނިސްބަތްވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ 7.18 އިންސައްތައެވެ.
އިންތިހާބުގައި ދެން ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ 2.47 އިންސައްތައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް 2.87 އިންސައްތަ ލިބިވަޑައިގެންނެވި އިރު، ފާރިސް މައުމޫނަށް ލިބިވަޑައިގެންނެވީ 1.35 އިންސައްތައެވެ. އަދި މުހައްމަދު ނާޒިމަށް 0.86 އިންސައްތަ ލިބިވަޑައިގެންނެވި އިރު، ހަސަން ޒަމީލަށް ލިބިވަޑައިގެންނެވީ 0.15 އިންސައްތައެވެ.
ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް