ނ.ވެލިދޫ ޖޫނިއަރ ކޮލެޖް ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ފަށާފައި ވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަޙައްދެއްގައި 1 ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ހިމެނޭ އިރު، މި އިމާރާތުގެ ތެރޭގައި ދެ ކްލާސް ރޫމާއި، އައިސީޓީ ލެބަކާއި، ލައިބްރަރީއަކާއި ދެ ވޯރކްޝޮޕް ހުންނާނެ އެވެ.
މިއީ 11.91 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.
ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ، ޑރ. އިބްރާހިމް ހަސަންއެވެ.
އެމްޓީސީސީ އިން ބުނާގޮތުގައި މި ސޮއިކުރެވުނު ނ. ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު އެތަކެއް ޒުވާނުންނަކަށް ފަހިވެގެން ދާނެއެވެ. އަދި މިކަމުގެ ސަބަބުން، ރަށުގެ އުފެއްދުންތެރިކަން އިތުރުވެ، ތަޢުލީމީ ޤާބިލު ޒުވާން ޖީލެއް އުފެދިގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މިއީ 270 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް