ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް، އަސްކަރީ އެއްވެސް މަރުކަޒެއް ނުހުންނާނެ: ޝަމާލް

ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް، އަސްކަރީ އެއްވެސް މަރުކަޒެއް ނުހުންނާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ. ޓީވީއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޝަމ...

11 Sep 2023 | 21:08

ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް، އަސްކަރީ އެއްވެސް މަރުކަޒެއް ނުހުންނާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޓީވީއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާ ސިޔާސަތު ދެމެހެއްޓުމަށް އަބަދުވެސް ސިފައިން ތިބެނީ ސާބިތުކަމާއެކީ ތައްޔާރަށް ކަމަށެވެ. އަދި އެއީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެކި ގައުމުތަކާއެކު ދިވެހި ސިފައިން ވަރަށް ގިނަ ހަރަކާތްތައް ހިންގާ ކަން ފާހަގަ ކުރައްވައި ޝަމާލް ވިދާޅުވީ، އެއީ އޭރަކު އޮންނަ ސަރުކާރެއްގެ ހާރިޖީ ސިޔާސަތާ، ދިފާއީ ސިޔާސަތުގެ ތެރެއިން ކުރިއަށްދާ ކަންކަން ކަމަށެވެ.

އެގޮތުން ބޭރުގެ އަސްކަރިއްޔާތަކާއެކީގައި ވަރަށް ގިނަ ހަރަކާތްތައް ހިންގޭ ކަމަށާއި، އޭގެ ތެރޭގައި ޓްރެއިނިންނާއި އޮޕަރޭޝަންތައް ހިމެނޭ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އޭގެ މައިގަނޑު އަމާޒަކީ ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަންތަކުގެ ގާބިލުކަން އިތުރު ކުރުންކަން ޝަމާލް ފާހަގަ ކުރެއްވިއެވެ.

އިންޑިޔާއަކީ ވަރަށް ޒަމާނުއްސުރެ ގާތް ގައުމެއް އޮންނަ ގައުމެއްކަމުން، އިންޑިޔާއާއެކު އަސްކަރީ ގިނަ ހަރަކާތްތަކެއް ހިންގޭ ކަމަސް ޝަމާލް ވިދާޅުވިއެވެ. އޭގެ ތެރޭގައި މީހުން ތަމްރީނު ކުރުމާއި ވަސީލަތްތަކުގެ އެހީ ހިމެނޭކަމަށް ޝަމާލް ވިދާޅުވިއެވެ.

އަދި އިންޑިޔާ ނޫން އެހެން ގައުމުތަކުންވެސް އަސްކަރީ އެހީތެރިކަން ލިބެމުން ދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އެގޮތުން، 2011 ވަރަ އަހަރަކީ ރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރެއް ގެނައި އަހަރެވެ. އެއީ އިންޑީޔާގެ ކޯސްޓްގާޑުގެ ހެލިކޮޕްޓަރެކެވެ. އޭގެ ބޭނުމަކީ ދިވެހި ސިފައިންނާ ގުޅިގެން ބަލިމީހުން އުފުލުމެވެ. އަދި ކަނޑުމަތީ ހާލުގައި ޖެހޭ މީހުން ހޯދުމެވެ. އެ ހެލިކޮޕްޓަރ އޮންނަނީ ލ. ގަމުގައެވެ.

އޭގެ ފަހުން 2016 ވަނަ އަހަރު އިންޑިއަން ނޭވީގެ ހެޕިކޮޓްރެއް ގެނައެވެ. އެ ހެލިކޮޕްޓަރު އޮންނަނީ ލ. ކައްދޫގައެވެ. އަދި 2019 ވަނަ އަހަރު ޑޯނިއާގެ މަތިންދާ ބޯޓެއް ގެނައީ މީހުން ހޯދުމުގައި ފަސޭހަ ކުރުމަށެވެ.

އެ ހުރިހާ ހަކަކާތެއް ހިނގަނީ ސިފައިންގެ ބެލުމުގެ ދަށުން، ސިފައިންގެ ކޮށްޓްރޯލް އޮވެގެން ކަމަށް ޝަމާލް ވިދާޅުވިއެގެ.

"ވަކިން ހާއްސަކޮށް ބޭރު ގައުމެއްގެ އަސްކަރީ ބޭސްއެއް ނުވަތަ ފެސިލިޓީއެއް ނުވަތަ ބޭރު ގައުމެއްގެ ބަޔަކު، ސިފައިންގެ ކޮންޓްރޯލެއް ނެތި އޮޕަރޭޓް ކުރާ ފެސިލިޓީއެއް ރާއްޖޭގަ ނެތްކަން އަޅުގަނޑު ފާހަގަ ކުރަން" ޝަމާލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް