ޒަމާނީ ފެންވަރަކަށް އަމީނީމަގު ހެދަން ފެށުމަށް އަމީނީ މަގުން ސަރަހައްދެއް ބަންދުކޮށްފިއެވެ.
އެގޮތުން ބަންދުކޮށްފައިވަނީ ދަރުބާރުގެ ކައިރި ސަރަހައްދެވެ. މިއީ މި ޕްރޮޖެކްޓްގެ ސެގްމަންޓް އެކެއް ކަމުގައި އާރްޑީސީ އިން ބުނެއެވެ.
އަމީނީ މަގު ހަދަން ފަށާއިރު މި ޕްރޮޖެކްޓް މިދިޔަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިފްތިތާހްކޮށްފައެވެ.
މި ޕްރޮޖެކްޓް ރަސްމީގޮތުން ފައްޓަވައިދެއްވީ މާލޭގެ ކުރީގެ މޭޔަރު މައިޒާން އަލީ މަނިކާއި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ގެ އިތުރުން އާރްޑީސީގެ މެނޭޖިން ޑިރެކްޓރ މޫސާ އަލީ މަނިކެވެ.
މިހާރު އަމީނީ މަގުގެ ހާލަތު
- ފެންބޮޑުވުމުގެ މައްސަލަ
- ފެން ހިންދާނެ ނިޒާމުތަކުގެ މައްސަލަ
- އަޑިގުޑަން ގިނަވުމުގެ މައްސަލަ
އަމީނީމަގު ޕްރޮޖެކްޓް
- ސޮއިކުރި ދުވަސް | 3 ޖުލައި 2022
- އަގު | 84،414،546.83ރ (84 މިލިޔަން ރުފިޔާ)
- މަސައްކަތުގެ މުއްދަތު | 210 ދުވަސް (7 މަސް)
- މަގުގެ ދިގުމިން | 1.7 ކިލޯ މީޓަރު
މަގުހެދުމަށް ކުރެވުނު ސާވޭ
- މަގުގެ ޓޮޕޯގްރެފިކް ސާވޭ
- ޖިއޯޓެކްނިކަލް ސާވޭ
- ހައިޑްރޮލޮޖިކަލް ސާވޭ
- އީއައިއޭ ސާވޭ
- މަގު ޑިޒައިން ކުރެވިގެންދާނީ އެންމެ ޒަމާނީ ފެންވަރަށް
އަމީނީ މަގަށް އަންނަ ބަދަލު
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެގޮތަށް ދުވާރުގައި (ބްރައިލް ބްލޮކްސް) ޖެހިގެންދާނެ
- ވީލްޗެއަރ އެކްސަސް ގާއިމްކުރެވިގެންދާނެ
- މަގުގައި ބަސް ހުއްޓިތަކާއި ޕާކިން ޒޯންތައް ހެދިގެންދާނެ
- ސައިން ބޯޑުތަކާއި ބަމްޕަރުތައް ލެވިގެންދާނެ
- ފެހިކުރުމަށްޓަކައި ޓްރީ ޕިޓް ބެހެއްޓިގެންދާނެ
- ސްޓޭކް ހޯލްޑަރުން ހާއްސަކޮށް ކޭބަލްތައް އެޅުމަށްޓަކައި ކޭބަލްޓްރޭ މަގުގެ ދެ ފަޅީގައި އެޅިގެންދާނެ
- އެޗްވީ ކޭބަލަށް ހާއްސަކޮށްގެން ޖަންގްޝަންތަކެއް ބެހެއްޓިގެންދާނެ
އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު މިއަދު ރަސްމީކޮށް ފަށާފައިވާއިރު ރައީސް ޔާމީންގެ ދައުރުގައިވެސް ދެ ފަހަރެއްގެ މަތިން އަމީނީ މަގު ހެދުމަށް އިއުލާނުކޮށްފައިވެއެވެ. ނަމަވެސް އަމަލީ ސިފައެއް އެކަމަށް އައިސްފައެއްނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް