މަނަދޫ އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ މިރޭގެ ބޮޑު މެޗަށް އެމްއޭޕީއެފްސީ ތައްޔާރު!

ނ.މަނަދޫ ކައުންސިލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ "ބޮޑު" މެޗަށް އެމްއޭޕީއެފްސީ ތައްޔާރުވެއްޖެ އެވެ. ނ.އަތޮޅު ހޮސްޕިޓަލްގެ ޓީމާއި ދެކޮޅަށް އެމްއޭޕީއެފްސީ ...

12 Sep 2022 | 07:18

ނ.މަނަދޫ ކައުންސިލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ "ބޮޑު" މެޗަށް އެމްއޭޕީއެފްސީ ތައްޔާރުވެއްޖެ އެވެ.

ނ.އަތޮޅު ހޮސްޕިޓަލްގެ ޓީމާއި ދެކޮޅަށް އެމްއޭޕީއެފްސީ ނިކުންނައިރު، މިރޭ މެޗްގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައި، ނ.މަނަދޫ ފުޓްސަލް ދަނޑުގައެވެ.

ކޮމްބައިން ޓީމެއްގެ ގޮތުގައި މުބާރާތަށް ނިކުތް، އެމްއޭޕީއެފްސީ ގައި ހިމެނެނީ، އެމްޓީސީސީ، އެގްރޯ، ޕީޖީ އޮފީސް، ޖެންޑަރ، އަދި ކޯޓެވެ.

އެމްއޭޕީއެފްސީ ހިމެނުނީ މުބާރާތުގެ ފިރިހެން ބައިގެ ގުރޫޕު އޭ ގައެވެ. މުބާރާތުގައި އެމްއޭޕީއެފްސީ ނުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ، ފެނަކަ ޓީމާއެވެ. އެ މެޗްގައި 3-0 ގެ ނަތީޖާއަކުން މެޗް ކާމިޔާބު ކުރީ އެމްއޭޕީއެފްސީންނެވެ. ދެވަނަ މެޗުގައި އެމްއޭޕީއެފްސީ ބައްދަލު ކުރީ ނ.އަތޮޅު ކައުންސިލްގެ ޓީމާއެވެ. އެ މެޗު 8-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ، އެމްއޭޕީއެފްސީ އެވެ. ތިން ވަނަ މެޗުގައި އެމްއޭޕީއެފްސީ ބައްދަލު ކުރީ ނ.އަތޮޅު މަދަރުސާގެ ޓީމާއެވެ. މި މެޗް 8-1 ގެ ފަރަގު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ، އެމްއޭޕީއެފްސީ އެވެ.

މުބާރާތުގެ ގުރޫޕުގެ އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށް، ސެމީ ފައިނަލްގައި 3-2 ގެ ނަތީޖާއަކުން، މިދިޔަ އަހަރުގެ ޗެމްޕިއަން ވަރުގަދަ ޕޮލިސް ބަލިކޮށް، މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ އެމްއޭޕީއެފްސީ އިން ކަށަވަރު ކުރިއެވެ.

މުބާރާތުގެ ފައިނަލްގައި މިރޭ އެމްއޭޕީއެފްސީ ނިކުންނާނީ ނ.އަތޮޅު ހޮސްޕިޓަލްގެ ޓީމާއި ދެކޮޅަށެވެ. ހޮސްޕިޓަލްގެ ޓީމަށް ބަލާއިރު، އެ ޓީމުގައި ޤައުމުން ބޭރު 2 ކުޅުންތެރިން ހިމެނޭކަން ފާހަގަކުރެވެއެވެ. މި ދެ ކުޅުންތެރިންނަކީ، މިޞްރަށް ނިޞްބަތްވާ ދެ ކުޅުންތެރިންނެވެ.

މިރޭގެ މެޗާއި ގުޅޭގޮތުން، މި ނޫހަށް މަޢުލޫމާތު ދެމުން ޓީމުގެ ކެޕްޓަން އަޙުމަދު ޙުސައިން (އަހަންމަދުބެ) ބުނީ، މުޅި ޓީމުގެ އަމާޒު ހިފާފައި އޮތީ މުބާރާތުގެ ތައްޓަށްކަމަށާއި، ސަޕޯޓަރުންގެ އެހީއާއި އެކު މުބާރާތުގެ ތަށި ހާޟިލްކުރެވޭނެ ކަމަށެވެ.

ނ.މަނަދޫ ކައުންސިލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ފިރިހެން ބައިން، 8 ޓީމު ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ، އަތޮޅު ކައުންސިލް، ރަށު ކައުންސިލް، އަތޮޅު މަދަރުސާ، އަތޮޅު ހޮސްޕިޓަލް، އެމްއޭޕީއެފްސީ، ފެނަކަ، ޕޮލިސް، އެމްބީޕީއެސް އެވެ. މި މުބާރާތުގައި އަންހެން ބައިން 6 ޓީމު ވާދަކުރި އިރު، މި ޓީމު ތަކުގެ ތެރޭގައި ހިމެނެނީ، ނ.އަތޮޅު ހޮސްޕިޓަލް، ނ.އަތޮޅު ކައުންސިލް، ޖެންޑަރ، މަނަދޫ ކައުންސިލް، ނ.އަތޮޅު މަދަރުސާ، ބީޕީއެފްސީ އެވެ.

މުބާރާތުގެ ފައިނަލަށް އަންހެން ބައިން ދަތުރުކޮށްފައިވަނީ، ޖެންޑަރ އަދި ނ.މަނަދޫ ކައުންސިލްގެ ޓީމެވެ. މި ބައިގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވާ މިރޭ 21:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް