ބައި-އިލެކްޝަންތައް ގިނަވެ، އީސީގެ ބަޖެޓަށް ބުރަވާތީ އެކަން ހައްލުކުރުމަށް މަޖިލީހަށް ދެ ބިލެއް ހުށަހަޅައިފި

ބައި-އިލެކްޝަންތައް ގިނަވެ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބަޖެޓަށް ބުރަވާތީ، އެކަން ހައްލުކުރުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ދެ ބިލެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މ...

12 Sep 2022 | 05:57

ބައި-އިލެކްޝަންތައް ގިނަވެ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބަޖެޓަށް ބުރަވާތީ، އެކަން ހައްލުކުރުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ދެ ބިލެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅުއްވާފައެވެ.

މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ޝަފީގެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ބަދަލު ގެނައުމުގެ ބިލުގައިވާ ގޮތުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް ބާއްވަން ވާނީ އަހަރަކު އެއް ފަހަރު ކަމަށް ވަނީ ބުނެފައެވެ. އަދި އެގޮތުން ބާއްވާ ދެ ބައި-އިލެކްޝަންގެ ދެމެދުގައި ހޭދަވާ މުއްދަތު 300 ދުވަހަށް ވުރެ މަދު ވެގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް މެންބަރު މުހައްމަދު ޢަބްދުالله ޝަފީގު ސްޕޮންސަރ ކުރައްވާފައިވާއިރު، އެ ބިލުގައިވާ ގޮތުން ކައުންސިލެއްގެ ގޮނޑިއެއް ހުސްވާއިރު، ކައުންސިލްގެ އުމުރުގައި ބާކީ އޮތީ އަހަރަކަށް ވުރެ މަދު ދުވަސްކޮޅެއްނަމަ ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

އެހެންނަމަވެސް ގޮނޑިއެއް ހުސްވެ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާ ނަމަ އެ ހުސްވި ގޮނޑިއަށް 60 ދުވަހުގެ ތެރޭގައި މެންބަރުން އިންތިޚާބު ކުރަން ވާނެ ކަމަށް ވަނީ ބުނެފައެވެ.

ގާނޫނުތައް މި ގޮތަށް އިސްލާހުކުރަން ހުށަހަޅާފައިވާއިރު، މި ފަހަކަށް އައިސް ޚާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުން ވަނީ ޢާންމުވެފައެވެ. އެހެންވެ، ބައި-އިލެކްޝަންތައް ބޭއްވުން ވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި އިލެކްޝަން ބާއްވާފައިވާއިރު، މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 20 ބައި އިލެކްޝަން ވަނީ ބާއްވަންޖެހިފައެވެ.

އިންތިޚާބުތަކަށް އީސީއަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓަށް ކަނޑައެޅިފައިވާއިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ބާއްވައިގެން މި އަހަރު މިހާތަނަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް