"ސާފް ޗެންޕިއަންޝިޕް ކެމްޕެއިން" ރަސްމީގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާޙް ކޮށްދެއްވައިފި އެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ފައްޓަވާ މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވާފައިވަނި ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިކެންޕެއިން އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެއްވަނަ މަގާމަށް ލިބޭ ޓްރޮފީގެ ނަކަލު ޓްރޮފީއެއްގައި ރަމްޒީގޮތުން އަތް ޖައްސަވާލައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވި މި ކެންޕެއިންގެ ދަށުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ސާފް ޗެންޕިއަންޝިޕް 2021 މުބާރާތާއި ގުޅިގެން މާކެޓިންގ އަދި ޕީއާރްގެ އެކި ކަންކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.
މިގޮތުން މިރަސްމިއްޔާތުގައި ވަނީ މިކަމާއިބެހޭ ކުރު ވީޑިއޯއެއް ތައާރަފްކޮށް، ސާފް ޗެންޕިއަންޝިޕްގެ ކެންޕެއިންގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ދައްކާފަ އެވެ.
މީގެ އިތުރުން، ސާފް ޗެންޕިއަންޝިޕްގެ ހަނދާނުގައި "އަހަރެމެންގެ ފަހަރު" ނަމުގައި ފޮތެއް ވެސް ތައާރަފްކޮށްފައި ވެއެވެ.
ފޮތް ތައާރަފްކޮށް މުބާރާތުގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަށް ހަނދާނީލިޔުން ހަވާލުކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
މިއަހަރު ސާފް ޗެންޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ 1 އިން 16 ގެ ނިޔަލަށެވެ.
މިއީ، އެހެން ގައުމަކާއި ބައިވެރިނުވެ، ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް