ގެމަނަފުށި ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް، އެރަށު ކައުންސިލަރުން ގެނެސްދީފި އެވެ.
އެރަށު ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެރަށުގެ ތަރައްޤީއަށް ކުރަމުންއަންނަ މަސައްކަތްތަކާއި ކުރިޔަށްރޭވިފައިވާ ތަރައްޤީގެ ޕްލޭނާއި އެރަށު ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށް ރައީސުލްޖުމްހޫރިއްޔާ އާ ޙިއްޞާކުރައްވާފައިވާ ވަނީ ގެމަނަފުށި ކައުންސިލަރުން ރައީސް ސޯލިހާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ގެމަނަފުށީގެ ހެލްތް ސެންޓަރުން 24 ގަޑިއިރު ޚިދުމަތް ދޭން ފެށުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއް ކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި ސަރުކާރުން އެގޮތަށް ނިންމަވައި ޚިދުމަތް ފޯރޮކޮށްދެން ފެއްޓުމާއިގުޅިގެން އެކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
ހެލްތް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާއި ގުޅިގެން އެ ސެންޓަރަށް އިތުރަށް މުވައްޒަފުން ބޭނުންވާ ކަމަށާއި، ސެންޓަރުގެ ޖާގައިގެ ދަތިކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، މުވައްޒަފުން މަދުކަން ވެސް ކައުންސިލުން ފާހަގަކުރެއްވެވި އެވެ.
މީގެ އިތުރުން ސްކޫލަށް މަލްޓި-ޕަރޕަސް ހޯލެއް ބޭނުންވާކަމާއި، އެއްދަންފަޅިއަށް ސްކޫލުގެ ކިޔެވުން ބަދަލުކުރުމަށްޓަކައި ފަހުން އިމާރާތް ކޮށްފައިވާ 10 ކްލާސްރޫމަށް ފަރުނީޗަރ ބޭނުންވާކަމުގައި ވެސް ކައުންސިލުން ވިދާޅުވި އެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކާއި، ޒުވާނުންގެ ކަންބޮޑުވުންތައް ވެސް މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ޙިއްޞާކުރައްވާފަ އެވެ.
އެގޮތުން މަހުގެ އަގު ރަނގަޅުކޮށްދިނުމަށާއި އައިސް ޕްލާންޓްގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ބޭނުންވާކަން ފާހަގަކުރެއްވެވި އެވެ. އަދި ޒުވާނުންނަށް ޚާއްޞަކޮށް ޔޫތް ސެންޓަރެއް ޤާއިމުކޮށްދެއްވުމަށާއި، ފުޓްބޯޅަ ދަނޑެއް ބޭނުންވާ ކަމަށް ކައުންސިލުން ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދު ރައްކާތެރިކޮށް، ރަށުގެ ބިންހިއްކާ، ބަނދަރުގެ ޖާގަ އިތުރުކޮށް، ރަށުގެ މިސްކިތް މަރާމާތުކުރުމަށް ބޭނުންވާކަމުގައި ގެމަނަފުށި ކައުންސިލުން ފާހަގަކުރެއްވެވި އެވެ. އަދި ރަށުގައި ތާރު އެޅުމަށް ބޭނުންވާކަމުގައި ވެސް އެބޭފުޅުން ފާހަގަކުރެއްވެވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
އެގޮތުން ނަރުދަމާގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަން ފާހަގަކުރައްވާ، ފެނުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގައި ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ތަރައްޤީގެ މަސައްކަތް ކުރާއިރު، ރަށުގެ ކައުންސިލުން އެއްބާރުލުން ދެއްވުމަކީ ވަރަށް ރަނގަޅުސިފައެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް