މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރެޖިސްޓްރީ ކުރުމަށް ބޭނުންވާ މީހުންގެ އަދަދު ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ޕާޓި ރެޖިސްޓްރީ ކުރަން ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ސޮޔާއި އެކު އީސީއަށް ހުށަހަޅަން ޖެހެނީ ތިން މަސްތެރޭގައި އެވެ.
“ދުވަސް” އަށް މައުލޫމާތު ދެއްވަމުން އެމްއެންޕީގެ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އެ ޕާޓި ރެޖިސްޓްރީ ކުރުމަށް ބޭނުންވާ އަދަދަށްވުރެ ގިނައިން މެމްބަރުން ޕާޓީއަށް މިހާތަނަށް ސޮއި ކޮށްފައިވާ ކަމަށެވެ. އެހެންވެ ޕާޓީ ރެޖިސްޓްރީ ކުރުމަށް ހުށަހަޅަން ނިންމާފައިވާ ކަމަށާއި އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
އުޝާމް ވިދާޅުވީ މިހާރު ނިންމާފައިވަނީ އަންނަ ބުދަ ދުވަހު އެމްއެންޕީ ރެޖިސްޓްރީ ކުރުމަށް އީސީއަށް ހުށަހަޅާށެވެ. އޭނާ ވިދާޅުވީ މިހާތަނަށް 5،000 އަށްވުރެ ގިނަ މެމްބަރުން ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ.
އެމްއެންޕީން ވަނީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް މާލެއާއި އަތޮޅުތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ. އަދި އެޕާޓީއަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަ ކުރެވޭ ގިނަ ބަޔަކާއި އެހެނިގެން ދާއިރާތަކުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ސޮއިކޮށްފައިވެ އެވެ.
އުޝާމްގެ އިތުރުން އެމްއެންޕީ އުފެއްދުމުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު (ޖޭފޯ) އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ބައިވެރިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް