ދިގުރަށު ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް ސޯލިހު

ދިގުރަށު ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސުލްޖުންހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އެރަށު ކައުންސިލާއެކު މިއަދު...

12 Sep 2021 | 12:43

ދިގުރަށު ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސުލްޖުންހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އެރަށު ކައުންސިލާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކުދި މަޝްރޫޢުތައް ކައުންސިލާ ރަށުގެ ރައްޔިތުން ކުރިޔަށް ގެންދިޔަ ނަމަވެސް ދިގުރަށުގައި ހިންގާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ސަރުކާރާއި ގުޅިގެން ކައުންސިލުން މަސައްކަތްކުރައްވާނެކަމުގައި ކައުންސިލުން ވަނީ ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދިގުރަށު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން، އެބޭފުޅުން ވަނީ ރަށަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށަކަށްވެފައިވާއިރު ބަނދަރުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވާ ކަމަށާއި ފެނާ ނަރުދަމާގެ ނިޒާމް ޤާއިމްވެފައިވާ ނެތުުމުން ޓޫރިޒަމަށް އެކަމުގެ ސަބަބުން ގޮންޖެހުންތައް ދިމާވާކަމުގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވެސް ސްކޫލްގެ ޢިމާރާތުގެ ދަތިކަމާއި، ރަށްގިރުމުގެ މައްސަލަ ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ.

ދިގުރަށުގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ހިއްސާކުރައްވަމުން ވިދާޅުވީ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށެވެ.

ރަށް ގިރާ މައްސަލަ ޙައްލުކުރުމަށް މިހާރު ހަދަންޖެހޭ ދިރާސާތައް ކުރިޔަށްދާ ކަމަށާއި ސްކޫލް ޢިމާރާތުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަކީ އެމަނިކުފާނުގެ ވަޢުދުފުޅުގައި ހިމެނޭކަމަށްވާތީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދިގުރަށު ސްކޫލްގައި 3 ބުރީގެ ޢިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް