ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުުގެ ހުރިހާ ޕާސްޕޯޓެއް ހިފަހައްޓަން އެދެން ހުށަހަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަސައްކަތް ފަށައިފި އެވެ.
މިގޮތަށް ނިންމީ މިއަދު ހައި ކޯޓުން ކުރި ހުކުމާއި ގުޅިގެންނެވެ. އަލީ ވަހީދުގެ މައްސަލައެއްގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ޕީޖީން އެ ކޯޓަށް ހުށަހަޅާފައިވަނީ ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަކި ކުރުމުން ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެއް ހިފަހައްޓަން ކަމުން އެ ހުކުމް ނެރެދެވެންނެތް ކަމަށެވެ.
މިކަމާއި ގުޅިގެން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "ދުވަސް" އަށް ވިދާޅުވީ އަލީގެ ހުރިހާ ޕާސްޕޯޓެއް ހިފެހެއްޓުމުގެ އަމުރެއް ނެރެދޭން އެދެން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެކަމާއި މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓުތައް ހިފަހައްޓަން އެދުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިޔަށް ދާ ކަމަށެވެ. އަދި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފަހު ޕާސްޕޯޓުތައް ހިފެހެއްޓުމަށް އަމުރަކަށް އެދުމާއި ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
މިކަމުގައި ގޮތެއް ނިންމާނީ ފުލުހުންނާވެސް މަޝްވަރާ ކުރުމަށް ފަހު އެވެ.
އަލީ ވަހީދާއި ދެކޮޅަށް މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހަތް ދައުވާއެއް އުފުލާފައިވެ އެވެ. އެކަމަކު ބޭސްފަރުވާއަށް ކަމަށްބުނެ އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އަމިއްލަ ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ކްރިމިނަލް ކޯޓު މެދުވެރިކޮށް ޕާސްޕޯޓު ހޯދައިގެންނެވެ.
އޭނާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ދިނީ ހަ މަހަށް ކަމަށް ވީނަމަވެސް މުއްދަތު ހަމަވުމުން އޭނާ އެނބުރި ވަޑައިގެންފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް