އޮގަސްޓު 2021 ގައި މީރާއަށް 1.27 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފި އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %25.4 ދަށް އަދަދެކެވެ. އަދި، އޮގަސްޓު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %3.0 ދަށް އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮގަސްޓު 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އޮގަސްޓު 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ހާލަތެވެ.
މިގޮތުން، 2020 ވަނަ އަހަރު ވިޔަފާރިތަކަށް ލިބިފައިވާ އާމްދަނީ ދަށްވެފައިވުމުން އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފަ އެވެ. އަދި 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގައި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ އޮގަސްޓު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު، އޮގަސްޓު 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ އިތުރު ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެ އެވެ.
މި ފީ އޮގަސްޓު 2021 ގައި ލިބިފައި ނުވެއެވެ.
އޮގަސްޓު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 685.41 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސް އިންނެވެ. އެއީ 305.27 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 75.62 މިލިއަން ރުފިޔާ، ވޯކް ޕަރމިޓް ފީގެ ގޮތުގައި 40.18 މިލިއަން ރުފިޔާ އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 33.81 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 133.42 މިލިއަން ރުފިޔާ ހިމެނެ އެވެ.
އޮގަސްޓު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 36.92 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް