ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އައްޑު ސިޓީގެ ކާފިއު މުއްދަތު އިތުރުކޮށްފި އެވެ.
އެޗްޕީއޭއީން އެ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ކާފިއު ހިންގަން ނިންމީ މިދިޔަ މަހުގެ 28 ގައި އެ ރަށްތައް މޮނިޓަރިންއަށް ލުމުން ނެވެ.
އެ މުއްދަތު މިއަދަށް ހަމަވާ އިރު، އައްޑުސިޓީ ކައުންސިލުން ނިންމާފައިވަނީ މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް ކާފިއުގެ މުއްދަތު ދަންމާލުމަށެވެ.
އެހެންވެ، ކުރިއަށް އޮްތ ހަފުތާގައި ކޮންމެ ރެއެއްގެ 21:00 އިން ފަތިހު 4:00 ގެ ނިޔަލަށް ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ ނަމަ އައްޑޫ އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އީއޯސީ) ގެ ހުއްދަ ހޯދުމަށް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.
ކާފިއުގެ މުއްދަތު އިތުރުކުރުމާއިގުޅިގެން، ކާފިއުގެ މުއްދަތުގައި އާއްމު އެއްވުންތަކާއި ޕާޓީތައް ބޭއްވުން ވެސް ވަނީ މަނާ ކޮށްފަ އެވެ. އަދި ގްރޭޑް ނުވައަކުން ދަށުގެ ދަރިވަރުންނަށް ސްކޫލްތައް ބަންދު ކުރަން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 9 ޖަހަންދެން ކަމަށާއި ނަމަވެސް އީއޯސީގެ ހުއްދައާ އެކު، އެފަދަ ތަންތަނުން މެންދަމު 12 ޖަހަންދެން ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް ވެސް އައްޑުސިޓީ ކައުންސިލުން ބުނެއެވެ.
ފިހާރަތައް ވެސް ހުޅުވައިގެން ޚިދުމަތް ދެވޭނީ ރޭގަނޑު 9 ޖަހަންދެން ކަމަށާއި އެފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދެވޭނީ ރޭގަނޑު 10 ޖަަހަންދެން ކަމަށް ވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.
އީއޯސީގެ ހުއްދަ އާއެކު އައްޑޫގެ މޮނިޓަރިންއަށް ލާފައިވާ ރަށްތަކުން މީހުންނަށް ފުރޭ އިރު، ދަތުރު ކުރުމަށް ޕީސީއާރު ނެގެޓިވް ޓެސްޓެއް އޮންނަން ވާނެ އެވެ.
އައްޑޫ ސިޓީން 6 މީހުން އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، މިހާތަނަށް 1،134 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މިހާރު ބަލިޖެހިފައި ތިބީ 308 މީހެކެވެ. އޭގެ ތެރެއިން ފަސް މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ނެވެ.
އައްޑޫއިން ކޮވިޑް ޖެހިގެން މިހާތަނަށް ތިން މީހަކު މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް