ޕީޖީއާ ގުޅޭގޮތުން އަލީ އެ ވިދާޅުވަނީ ތެދެއް ނޫން، އެކަހަލަ ޓުވީޓާއި ތުހުމަތަށް ރައްދުދީ ނޫޅެން: ޕީޖީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ގުޅޭގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓުވީޓުގައި ވިދާޅުވާން އުޅެފައިވަނީ ތެދެއް ނޫން ކަމަށް އެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދ...

12 Sep 2021 | 09:40

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ގުޅޭގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓުވީޓުގައި ވިދާޅުވާން އުޅެފައިވަނީ ތެދެއް ނޫން ކަމަށް އެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ސައްހަ ލިސްޓު ފެށެނީ ޕީޖީ ޝަމީމާއި ހަމައިން ކަމަށެވެ. ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނުކުތް މީހުން ނޯޅޭ ކަމަށް އަލީ ވިދާޅުވެފައިވެ އެވެ.

މިކަމާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ޝަފީއު ވިދާޅުވީ ޓުވީޓްގައި ވިދާޅުވާން އުޅެފައި އޮތްކަމަށް ބެލެވޭ ވާހަކައަކީ ތެދެއް ނޫން ކަމަށެވެ. އަދި މައްސަލަތަކުގައި ދަޢުވާ ލިބޭ މީހުން ކުރާ މިކަހަލަ ތުހުމަތުތަކާ ޓުވީޓްތަކަށް ޕީޖީ އޮފީހުން ރަސްމީކޮށް ކޮމެންޓް ކޮށް ނޫޅޭ ކަމަށް ވިދާޅުވި އެވެ.

https://twitter.com/ali20waheed/status/1436922293163372547

އޭގެފަހުންވެސްއަލީ ވަނީ ޝަމީމަށް އަމާޒުކޮށް ޓުވީޓެއް ކުރައްވާފަ އެވެ. އެއީ ކުރިން ކެންސަލް ކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ހިފަހައްޓަން ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅުމުން އެ އަމުރު ނުނެރެދޭނެ ކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން އަލީ ކުރެއްވި ޓުވީޓެކެވެ.

އެ ޓުވީޓުގައި ވިދާޅުވީ އެއީ ވަރަށް ގިނައިން "ނޭނގި" ކަންތައްތައް ކުރައްވާ ބޭފުޅަކަށްވާއިރު، އަލީ ވަހީދުވެސް އޮޅިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޝަމީމަކީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރި އެމްޑީއެން ގެ ޗެއަޕާސަންކަން ކުރިކަން ހަނދާންނެތް، ރައްޔިތުންގެ ނޭވާ ހޮޅިން ވެންޓިލޭޓަރުން ވައްކަންކުރިކަން ނޭނގި އަދި ފަތިސްކަމަށް މެންދުރު ޓްވީޓް ކުރާ މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް