އަފްގާނިސްތާނުގައި އަންހެނުން ޔުނިވާސިޓީތަކަށް ކިޔަވަން ދާއިރު އަމަލު ކުރަން ޖެހޭ ގޮތާއި ކިޔަވައިދިނުމުގައި އިންތިޒާމް ހުންނަން ޖެހޭނެ ގޮތް ތޯލިބާނު ސަރުކާރުން ރަސްމީކޮށް ހާމަކޮށްފި އެވެ.
ތޯލިބާނުން އެކުލަވާލާފައިވާ ވަގުތީ އާ ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަބްދުލް ބާގީ ހައްގާނީ ވިދާޅުވީ ހަމަހަމަ ކަމާއި އެކު ޔުނިވާސިޓީތަކުގައި ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އަންހެނުންނަށް އޮންނާނެ ކަމަށެވެ. އެގޮތުން ކޮންމެ ފެންވަރެއްގެ ތައުލީމެއްވެސް ހާސިލް ކުރެވޭނެ ކަމަށާއި އޭތެރޭގައި ޕޯސްޓު ގްރެޖުއޭޓް ކޯސްތަކުގައިވެސް އަންހެނުންނަށް ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އަންހެނުން ޔުނިވާސިޓީތަކަށް ކިޔަވަންދާއިރު ތިބެން ޖެހޭނީ އިސްލާމީ ހެދުމުގައި ބުރުގާ އަޅައިގެން ކަމަށް ވިދާޅުވި އެވެ. އޭނާގެ ވާހަކައިގަ ބުރުގާ މާނަ ކުރާ ގޮތެއް ތަފްސީލް ކޮށްދީފައެއް ނުވެ އެވެ. މީގެ ކުރިން ތޯލިބާނުންގެ ވެރިކަމުގައި އަފްގާންގައި އަންހެނުން ތިބެން ޖެހެނީ މޫނު އެއްކޮށް ނިވާވާ ގޮތަށް ބުރުގާ އަޅައިގެންނެވެ.
ހައްގާނީ ވިދާޅުވީ ކްލާސް ރޫމްތަކުގައި އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުން ތިބެން ޖެހޭނީ ދެ ފަރާތުގައި ކަމަށާއި މެދުގައި ޕާޓިޝަނެއް ނުވަތަ ފަރުދާއެއް ދަމައި އަންހެން އަދި ފިރިހެން ބައި ވަކި ކުރަން ވާނެ ކަމަށެވެ. އެ ގައުމުގެ ޔުނިވާސިޓީތަކުގައި މިހާރު ވަނީ އެގޮތަށް ކިޔަވައިދޭން ފަށާފަ އެވެ.
އަންހެން ކުޑަކުދިންވެސް އެ ގައުމުގައި މިހާރު ސްކޫލްތަކަށް ގެންގޮސްގެން ކިޔަވައިދިނުމުގެ ހުއްދަ ދީފައިވެ އެވެ. އެކަމަކު ހުރިހާ އުމުރު ފުރާއެއްގެ އަންހެން ކުދިން ބުރުގާ އެޅުމަކީ މަޖުބޫރު ކަމެކެވެ.
ތޯލިބާނުން އަފްގާން ހިފުމަށް ފަހު ވަނީ އަންހެނުންނާއި މެދު އެމީހުން ކުރިން އަމަލު ކުރިގޮތަށް ނުކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި ސަރުކާރުގައި އަންހެނުންގެ ބައިވެރިވުން އޮންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެކަމަކު ވަގުތީ އާ ސަރުކާރުގެ ކެބިނެޓްގައި އެއްވެސް އަންހެން ވަޒީރަކު ނުހިމެނެ އެވެ. އެހެންވެ ތާލިބާނުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް