ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވަމުން އެބަގެންދަވަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިވަގުތު މޯލްޑިވިއަންގެ ޕައިލެޓުންނާއި ރައީސް ދަނީ ބައްދަލު ކުރައްވާ އެ މުވައްޒަފުންގެ ޝަކުވާތައް އަޑު އައްސަވަމުން ކަމަށެވެ. ބައްދަލުވުން ފެށިފަ ވަނީ މެންދުރު 12:00 ގައި އެވެ.
މޯލްޑިވިއަންގެ ޕައިލެޓުން މުޒާހަރާ ކުރަމުން ދަނީ ކޯވިޑްގެ ހާލަތުގެ ކުރިން ހުރި މުސާރައަށް އިއާދަ ނުކޮށްދީގެންނެވެ. މިދިޔަ ހަފްތާގައި ސީޕްލޭންގެ ނުވަ ޕައިލެޓުން އެ މައްސަލައިގަ ވަޒީފާއިން ކެނޑިފައިވާއިރު ބާކީ ތިބި ޕައިލެޓުން މިއަދު މަސައްކަތް ހުއްޓާލުމަށް އޮތީ ނިންމާފަ އެވެ.
އެކަމަކު ރޭ މޯލްޑިވިއަންގެ އިސްވެރިން ޕައިލެޓުންނާއި ބައްދަލުކޮށް އަންނަ މަހު ކުރިން ހުރި މުސާރަ80 ޕަސެންޓަށް ބޮޑުކޮށްދީ އަންނަ ޖެނުއަރީ މަހުން ފެށިގެން100 ޕަސެންޓަށް ބޮޑުކޮށްދޭން އެއްބަސްވުމުން އިހުތިޖާޖު ކުރުން ވަގުތީ ގޮތުން ވަނީ ނުބާއްވަން ނިންމާފަ އެވެ.
ޕައިލެޓުން ވަނީ މެނޭޖްމެންޓުން އެއްވިގޮތް ލިޔުމުން ޕައިލެޓުންނަށް ޔަގީންކޮށްދިނުމަށް އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް