ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށް ދަނިކޮށް ޕްރޮގްރެސިވް ކޯލިޝަނުން މަގުމަތީގައި މުޒާހަރާ ކުރަން ފަށައިފި

ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށް ދަނިކޮށް ޕީޕީއެމް އިން މަގުމަތީގައި މުޒާހަރާ ކުރަން ފަށައިފި އެވެ. އިދިކޮޅު ކޯލިޝަން ކަމަށްވާ ޕްރޮގްރެސްިވް ކޯލިޝަނުން މިއަދު ވެސް މުޒާހަރާ ކުރަމުން ދަނީ ރައީސް ޔާމީނ...

12 Sep 2021 | 06:49

ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށް ދަނިކޮށް ޕީޕީއެމް އިން މަގުމަތީގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

އިދިކޮޅު ކޯލިޝަން ކަމަށްވާ ޕްރޮގްރެސްިވް ކޯލިޝަނުން މިއަދު ވެސް މުޒާހަރާ ކުރަމުން ދަނީ ރައީސް ޔާމީނަށް އިންސާފު ގާއިމްކޮށް ދިނުމަށް ގޮވާލަމުން ނެވެ. މިމުޒާހަރާގައި އެ ކޯލިޝަންގެ ލީޑަރޝިޕް ގިނަ ބަޔަކު ދަނީ ބައިވެރިވަމުން ނެވެ.

ސްޕްރީމް ކޯޓު ކައިރީގައި ވެސް އެ ކޯލިޝަންގެ ބައިވެރިން މުޒާހަރާ ކުރަމުންދާ އިރު، އެ ކޯޓުގައި މިހާރު ކުރިއަށްދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 70 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގެ އިސްތިއުނާފް ޝަރީޢަތެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

މި ފައިސާއަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމުގައި ދައުލަތުން ގަބޫލު ކުރައްވާ އިރު، ދަށު ކޯޓުން ވަނީ މި މައްސަލާގައި ޔާމީންގެ މައްޗަށް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ވެސް އިއްވަވާފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރީ 22 އިސްތިއުނާފީ ނުކުތާ އެވެ. މި ނުކުތާތަކާއެކު ޔާމީންގެ ފަރާތްޕުޅުން ވަނީ އެމަނިކުފާނަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށާއި ކަފާލާތުގެ ދަށުން ދޫކޮށްލަން ހުށަހަޅުއްވާފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުން ނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް