ފްލެޓުތައް ކުއްޔަށް ދޭން މަޖުބޫރު ކުރުވީ ސަރުކާރުން: އާންމުންގެ އެކުވެރި ގުޅުން

ހުޅުމާލޭ ދެވަނަ ފިޔަވަހީ ހިޔާ ފްލެޓުތައް ލިބުނު މީހުން އެ ތަންތަން ކުއްޔަށް ދެނީ އެކަން އެގޮތަށް ކުރުމަށް ސަރުކާރުން މަޖުބޫރު ކުރުވުމުން ކަމަށް ބޯހިޔާވަހިކަމުގެ މައްސަލައިގަ ރައްޔިތުންގެ ހައްގުގައި ވަ...

12 Sep 2021 | 06:49

ހުޅުމާލޭ ދެވަނަ ފިޔަވަހީ ހިޔާ ފްލެޓުތައް ލިބުނު މީހުން އެ ތަންތަން ކުއްޔަށް ދެނީ އެކަން އެގޮތަށް ކުރުމަށް ސަރުކާރުން މަޖުބޫރު ކުރުވުމުން ކަމަށް ބޯހިޔާވަހިކަމުގެ މައްސަލައިގަ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ އާންމުންގެ އެކުވެރި ގުޅުމުން ބުނެފި އެވެ.

އެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފްލެޓުގެ ނަމުގައި ރައްޔިތުންނަށް ދިނީ ތޮށިގަނޑުތަކެއް ކަމަށެވެ. އެ ތޮށިގަނޑުތައް ނިންމަން އެންމެ ތިން މަސް ދިނުމަށް ފަހު8،500 ރުފިޔާ ނަގަން ފަށަން ނިންމާފައި ވުމަކީ ފްލެޓު ލިބުނު ނިކަމެތިންނަށް ދިމާވެފައިވާ ބޮޑު ބުރައެއް ކަމަށެވެ.

ކޯވިޑުގައި ވަޒީފާ ގެއްލި ނުވަތަ އުޖޫރަ ކުޑަކޮށްފައިވަނިކޮށް މިހާރު ހުރިތަނުގެ ކުއްޔާއި ބިލު ދައްކަމުން ފްލެޓު ހަދަން ޖެހުމުން ގިނަ މީހުން ބޮޑު އިންޓަރެސްޓުގެ ލޯނު ނަގަން ޖެހުނީ ކަމަށް ބުނެ އެވެ. އެ ދަންތުރައިގައި ޖެހެން ގިނަ މީހުންނަށް ސަރުކާރުން މަޖްބޫރު ކުރުވާފަވާއިރު ‏ދެންތިބީ މިއިން އެއްވެސް ދަންތުރައެއްގައި ޖެހެން ބޭނުންވިޔަސް އެކަން ކުރެވޭނެ ފެންވަރުވެސް ނެތް މީހުން ކަމަށްވެސް ބަޔާނުގައި ބުނެ އެވެ.

ގުޅުމުގެ ބަޔާނުގައި ބުނީ ފްލެޓްތައް ކުއްޔަށްދޭ ދެވަނަ ސަބަބަކީ ‏ފުދުންތެރި މުއްސަނދި މީހަކަށް ފްލެޓު ލިބި އެމީހަކު އެތަން ކުއްޔަށް ދޭން އުޅުމެވެ. އެފަދަ މީހުންނަށް ފްލެެޓު ދިނުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީވެސް ސަރުކާރުން ކަމަށް އެޖަމިއްޔާ އިން ބުންޏެވެ.

ސަބަބަކީ ކުރިން ފްލެޓު ދިނީ ހައްގު ނޫން މީހުންނަށް ކަމަށް ބުނެ، އެ ލިސްޓް އަލުން ބަލަން ދެ އަހަރު ހޭދަކޮށް، ލިސްޓު ނެރެ މިހާރު ފްލެޓު ލިބުނު މީހުން ކަނޑައެޅީ ސަރުކާރުން އުފެއްދި ފްލެޓު ކޮމެޓީން ކަމަށްވާތީ ކަމަށް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

މި ގުޅުމުން ހިޔާ ފްލެޓު ތަކުގެ ވާހަކަ ދެއްކި އިރު މީގެ ކުރީ ސަރުކާރު ތަކުން ދޫކޮށްފައިވާ ފްލެޓުތަކުގައިވެސް ގިނައިން ދިރިއުޅެނީ ކުއްޔަށް އުޅޭ މީހުންނެވެ. އެ ފްލެޓުތަކަކީ ހުރިހާ ދޮރާއި ފަންކާ އާއި ތަށިމުށި ޖެހުމަށް ފަހު ދޫކޮށްފައިވާ ތަންތަނެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ސަރުކާރުން ދޫކުރާ ފްލެޓުތައް ކުއްޔަށް ދިނުމަކީ މަނާކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް