މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ޖަލަށް ލާފައިވާ، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކަފާލާތުގެ ދަށުން ދޫކޮށްލުމަށްއެދި އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށްއެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު އެ ކޯޓުގައި މިއަދު ވަނީ، އެމަނިކުފާނުގެ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުންތައް ފަށައިފައެވެ.
މި އަޑުއެހުންތައް ފަށާފައިވާއިރު އެމަނިކުފާނުގެ ފަރާތުންމިވަނީ ދެ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެއީ ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް މިއަދު ހުށަހެޅުން ކުރިއަށްދާއިރު، އެމަނިކުފާނު ވަނީ 22 ނުކުތާއެއް ކޯޓުގައި ހުށަހަޅާފައެވެ. މި ހުށަހެޅުންތައް މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ ކްރިމިނަލް ކޯޓުން މައްސަލަ ނިންމުމުގައި ހަދާފައިވާ ގޯސްތައް ފާހަގަކޮށެވެ.
މަނީ ލޯންޑަރިންދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. ހައި ކޯޓުން އެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް