ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކުރި ޝަރުތު ގަބޫލު ކުރެވެން ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.
އިދިކޮޅު ފަރާތްތަކުން އިއްޔެ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާ ކުރަން ބޭނުން ކަމަށް ބުނެފައިވަނީ ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭރުގެ އެހީ ހޯދުމަށް އެ ފަރާތްތަކުގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށެވެ. އަދި އިއުލާސްތެރިކަމެއް ނެތުމުން މަޝްވަރާގައި ބައިވެރިވާނީ އިދިކޮޅު ލީޑަރުން މިނިވަން ކުރުމުން ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވީ މަޝްވަރާގައި ބައިވެރި ނުވިޔަސް ހުކުމް ތަންފީޒު ކުރަމުންދާ އިދިކޮޅު ލީޑަރުން މިނިވަން ކުރެވެން ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ލީޑަރުން ޖަލުގައި ތިއްބެވީ ގާނޫނާ ހިލާފަށް ކުރެއްވި ކުށް ސާބިތުވުމުން ކަމަށެވެ.
ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އެ ޖަވާބުން އިއުލާސްތެރިކަން ނެތީ އިދިކޮޅު ފަރާތްތަކުގެ ކަން މުޅި ދުނިޔެއަށް ސާފުވާނެ ކަމަށެވެ. އިތުރަށް ވިދާޅުވީ ސަރުކާރުން ގާނޫނާއި ހިލާފުވިކަމަށް ބުނެ އަޅުވަމުންދަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
"ވިދާޅުވެދެއްވާފާނަންތޯ، ކޮން ގަވާއިދަކަށްތޯ، ގާނޫނާ ޚިލާފުވެފައި އޮތީ. އޭރަށް އަޅުގަނޑުމެންނަށް ޖަވާބުދާރީވެވޭނެ. މިގޮތަށް ހުރި ހިޔާލު ތަފާތުވުންތައް ނައްތާލަން މަޝްވަރާކުރަން މިއުޅެނީ،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ގޮތްދޫކޮށް، މަޝްވަރާގެ މޭޒަށް އަންނާނެ ކަމަށް ސަރުކާރުން އުއްމީދުކުރެ އެވެ. މަޝްވަރާގެ ފުރުސަތު ސަރުކާރުން ބަންދުނުކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، މަޝްވަރާ ފެށުމުގެ ކުރިން ކުރާ އެއްވެސް ޝަރުތަކީ ސަރުކާރުން ގަބޫލުކުރާނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް