މީސްތަކުންގެ މެދުގައި ފެތުރޭ ހުރިހާ ބާޠިލު ފިކުރުތަކެއްގެ ފަހަތުގައިވަނީ ދޮގާއި، މަކަރާއި ހީލަތްކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަންޓީވީ އިން ރޭ ފޮނުވި 'ޢިލްމީ ޚަޒާނާ' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ސަމީރު ވިދާޅުވީ ބޭރުފުށުން ތިމާގެ ދީންވެރިކަން ކިތަންމެ ރީތިކޮށް ދައްކައިގެން އުޅުނަސް އިސްލާމްދީނުގެ ހަގީގީ ދަޢުވަތު ދެވޭނީ ސަލަފުއްޞާލިޙުންގެ މަންހަޖަށް ތަބާވެގެންކަމަށާއި މީސްތަކުންނަށް ދީން އުނގަންނައިދެވޭނީ އެހެނިހެން މީހުންގެ ނުބައި ވާހަކައާއި ތިމާގެ މޮޅު ވާހަކަ އަމިއްލައަށް ދައްކައިގެން ނޫންކަމަށެވެ.
"އަޅުގަނޑުމެންގެތެރޭގައި ފެތުރެމުންދާ ތަފާތު ދީނީ ފިކުރުތައް ނުވަތަ ޙިޒްބުތަކަކީ އޭގެ ފަހަތުގައި ދޮގާއި މަކަރާއި ހީލަތް އެކުލެވިގެންވާ ފިކުރުތައް. އެއްވެސް ބާޠިލު ފިކުރެއް ނުފެތުރޭނެ އެފިކުރު ފަތުރާ މީހާއަކީ ބޮޑު ދޮގުވެރިއަކަށް ބަދަލުވެގެން ނޫނީ. އެހެންމީހުންނާއި ބެހޭގޮތުން ދޮގު ވާހަކަ ނުފަތުރައެއް. ތިމާގެ މޮޅު ވާހަކަ. އެހެންމީހުންގެ ދަށް ވާހަކަ. އެހެން މީހުން ނުކިޔަވައޭ ކިޔެވީ ހަމައެކަނި ތިމަންނައޭ. އެހެން މީހުން ދައްކާ ވާހަކަތައް އަޑު ނާހާށޭ ހަމައެކަނި ތިމަންނަ ދައްކާ ވާހަކަ އަޑު އަހާށޭ ކިޔައިގެން ބައެއް ކުދިންގެ ބޮލަށް ސަވާރުވެގެންނޫނީ އެއްވެސް ބާޠިލު ފިކުރެއް ނުފެތުރޭނެ" ޝައިޚް ވިދާޅުވިއެވެ.
"ބިދުޢަވެރި ފިރުޤާތަކުގެ އަހުލުވެރިންނަކީ އަބަދުވެސް ވަކި މީހަކު މުރީދަކަށް ލައިގެން އޭނާ ބުނާހާ އެއްޗެއް ޤަބޫލުކޮށް، އަދި ނުވިތާކަށް އެހެން މީހުންނާއި ބެހޭގޮތުން ދައްކާ ބުހުތާނު ދޮގު ވާހަކަތައް ޤަބޫލުކޮށް އެއަށްއީމާންވާ ބައެއް. ހަގީގަތުގައި އެހެނިހެން މުސްލިމުންނާއި ބެހޭގޮތުން ވާހަކަ ދައްކާއިރު އެވާހަކަ ރައްދުވާ މީހުން ކައިރީ އަހާވެސް ނުލާނެ އެކަމާ ގުޅޭގޮތުން. ހަމަ އެއްކަލަ މުރީދުބޭ ދައްކާ ހުރިހާ ވާހަކަތަކެއް ވަގުތުން ޤަބޫލުކޮށް ދެން އެރުޅީގެ މައްޗަށް ތިމާމެންގެ ދީން މި ބައްޓަން ކުރަނީ. އެހެންވީމަ މިވާގޮތަކީ ތިމާމެންގެ ފިކުރަށް ތަބާނުވާ ކޮންމެ މީހަކީ ބާޠިލު މީހެއްގެ ގޮތުގައި މިފެންނަނީ. އަދި އެމީހަކު ފެންނައިރަށް ހުރެވޭނީވެސް ރުޅިއައިސް ރަތްވެފަ. މިއީ ބިދުޢަވެރިން އެމީހުންގެ ދިރިއުޅުން ވޭތިކުރާ ގޮތަކީ" ޝައިޚް ވިދާޅުވިއެވެ.
ކޮންމެ ހޯމަދުވަހެއްގެ ރޭ ލައިވްކޮށް ގެނެސްދޭ 'ޢިލްމީ ޚަޒާނާ' ގެ ރޭގެ ޕްރޮގްރާމު ނިންމާލައްވަމުން ޝައިޚް ސަމީރު ވިދާޅުވީ ބިދުޢަވެރިންވެސް ތައުޙީދުގެ ނަމުގައި ފިލާވަޅުތައް ނަގައިދޭކަމަށާއި ނަމަވެސް ތައުޙީދު ކިޔަވައިދޭ ނަމުގައި ކިޔަވައިދޭނީ މުޅިންވެސް އެހެނިހެން މުސްލިމުންގެ ނުބައިވާހަކަ އާއި އެހެނިހެން ޢިލްމުވެރިންގެ ނުބައި ވާހަކަ ކަމަށެވެ. އަދި މިކަމަކީ ދީނުގެ ނަމުގައި ވަކި ބަޔަކު ދުނިޔޭގައި އުޅެން ފަސޭހައަކަށް ހަދައިގެން ކުރިއަށްގެންދާ ކުޅިގަނޑެއްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް