ބަރުމާގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެގައުމުގެ ބުދިސްޓުންނާއި ސަރުކާރުން ދެމުން އަންނަ ލާއިންސާނީ އަނިޔާތައް ހައްދުފަހަނައަޅާ ދިއުމުން ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތިން ލައްކައަށްވުރެ ގިނަ މީހުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާއިރު މިއީ އޭގެ ތެރެއިން އެކެއްގެ ވާހަކަ އެވެ. ނަމަކީ ރަހިމޯލް މުސްތަފާ އެވެ. އުމުރަކީ 22 އަހަރެވެ. މިއީ ރަހިމޯލް އަލް ޖަޒީރާއަށް ކިޔައިދީފައިވާ އޭނާގެ ވާހަކަ އެވެ.
---------------------------------------
އަހަރެންގެ ނަމަކީ ރަހިމޯލް މުސްތަފާ އެވެ. އުމުރަކީ 22 އަހަރެވެ. ނިސްބަތްވަނީ ރަކީން ސްޓޭޓްގެ ފޮއިރާ ވިލެޖަށެވެ.
އަހަރެން ކިޔަވަމުންދިޔައީ އަވަށުގެ މަދަރުސާގަ އެވެ. ކިޔަވަމުން ދިޔައީ އިސްލާމް ދީނެވެ. އަހަރެން ކުޑަ ކުދީންނަށް ކިޔަވައިދީވެސް ހަކަމެވެ. ބޮޑުވެގެން ވާން ބޭނުންވަނީ ޓީޗަރަކަށެވެ.
އަސްކަރިއްޔާއިން އަހަރެމެންގެ އަވަށް އެރީ މެންދަމު ތިނެއް ޖެހި ހާއިރުގަ އެވެ. އެމީހުން އަރައިގެން އައިގޮތަށް އައިސް ގެތަކަށް ބަޑި ޖަހަން ފެށިއެވެ. ގެތަކުގައި އަލިފާން ރޯކުރަން ފެށި އެވެ. އަހަރެމެން ތިބީ ގޭތެރޭގައި ފިލަ އެވެ. ކުޑަދޮރުން ބަޑިޖަހަން ފެށި އެވެ. އެއް އުންޑަ އަމާޒުވީ އަހަރެންގެ ފަޔަށެވެ. އެމީހުން ދިޔައީ އަހަރެމެންގެ އަވަށުން އެތައް ބަޔަކު މަރާލާފަ އެވެ. އަހަރެންގެ ލޯ ކުރިމަތީގައިވެސް އެތައް ބަޔަކު މަރުވި އެވެ.
އެމީހުން ދިއުމުން އަހަރެންގެ ބައްޕައާއި ބޭބެ އަހަރެންގެ ފަޔަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ހަމަލާތައް ދެމުންދާތީ ހޮސްޕިޓަލުން އަހަންނާ ހަވާލެއް ނުވި އެވެ. ބައްޕައާއި ބޭބެ އަހަރެން ބަންގްލަދޭޝް އަށް ގެނައީ ފަރުބަދަތައް މަތީންނެވެ. އަސްކަރިއްޔާއަށް ފެނިދާނެތީ އެވެ.
ބަންގްލަދޭޝް އަށް އައުމަށް ބައްޕައާއި ބޭބެ ކުރީ ވޭންދެނިވި ދިގު ދަތުރެކެވެ. އަހަރެންގެ ޒަހަމްގެ ހާލަތު ދިޔައީ އިންތިހާއަށް ބޮޑުވަމުންނެވެ. އަހަރެންގެ އާއިލާއަށް އަހަރެންގެ އަވަށުން ބަންގްލަދޭޝަށް ގެންނާނެ އެކައްޗެއްވެސް ނުލިބުނެވެ. ބައްޕައާއި ބޭބެގެ ކޮނޑުގައި އުފުލީ ޒަހަމްވެފައިވާ އަހަރެން އެކަންޏެވެ.
ސަލާމަތުގެ އައްސޭރިއަށް، ބަންގްލަދޭޝަށް އާދެވުނީތީ ހަމްދު ކުރަމެވެ. މިތަނުން ފަޔަށް ފަރުވާވެސް ލިބިއްޖެ އެވެ. ފަރުވާ ދިނީ "ޑޮކްޓަރސް ވިތައުޓް ބޯޑަރސް" ޖަމިއްޔާއިންނެވެ.
އަހަރެމެން މިތިބީ ބަންގްލަދޭޝްގަ އެވެ. އެހެނަސް ބޯހިޔާވަހިކަމެއް ނެތެވެ. މުސްތަގްބަލެއް ނެތެވެ. މުސްތަގްބަލް އޮތީ ގައުމަށް ސުލްހަ ގެނެވުނު ދުވަހަކުންނެވެ. އަހަރެމެން ބޭނުމީ އެނބުރި ގެއަށް ދާށެވެ. ބޭނުމީ ސުލްހަ އެވެ. މުޅި ދުނިޔެ އަހަރެމެންގެ ހާލާއި އަހަރެމެންގެ ގައުމުގެ މަސްރަހު ބަލަމުން އަންނަ ކަމާއި އަދި އަހަރެމެންނަށް އެހީވުމަށް މަސައްކަތް ކުރާކަން އަހަރެން ގަބޫލު ކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް