ބަރުމާގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެގައުމުގެ ބުދިސްޓުންނާއި ސަރުކާރުން ދެމުންދިޔަ ލާއިންސާނީ އަނިޔާތަކަށް ކެތް ނުކުރެވިގެން އެ ގައުމު ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަ ކުރި ފަރާތްތަކަށް، މިޔަންމާ މަސްރަހު ހަމައަކަށް އެޅެންދެން އެހީތެރިކަން ފޯރުކޮށްދޭނޭ ކަމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެ އެވެ.
ޝެއިޚް ހަސީނާ މިހެން ވިދާޅުވެފައި މިވަނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުރި، ރޮހިންޖާގެ މުސްލިމުންތަކެއް ތިބި ރެފިއުޖީ ކޭމްޕަކަށް ޒިޔާރަތް ކުރުމަށް ފަހުގަ އެވެ.
ޝެއިޚް ހަސީނާ ވިދާޅުވެފައިވަނީ މައްސަލަ ހައްލުކޮށް އެގައުމުގެ ރައްޔިތުން އަނބުރާ ގެންދިއުމަށް ބަރުމާއަށް ގޮވާލާ ކަމަށެވެ. އަދި މައްސަލަ ހައްލުވަންދެން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ޝެއިޚް ހަސީނާ އެ ކޭމްޕަށް ޒިޔާރަތް ކުރި ކަމަށް މީޑިއާ ރިޕޯޓްތަކުގައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.
އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާލާއިރު އޯގަސްޓް މަހުގެ 25 އިން ފެށިގެން މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ، ރޮހިންޖާ މުސްލިމުން ބަންގްލަދޭޝަށް ގޮސްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް