ބަރުމާގެ ރަކީން ސްޓޭޓްގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެގައުމުގެ ބުދުދީނުގެ އަހުލުވެރީންނާއި ސަރުކާރުން ދެމުން އަންނަ ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށް ގޮވައިލި މުސްލިމް ގައުމުތަކުގެ ތެރޭގައި އަވަށްޓެރި ޕާކިސްތާނުވެސް ހިމެނެ އެވެ. ނަމަވެސް މިއީ މާ ކުރީއްސުރެވެސް ރަކީން ސްޓޭޓުން ޕާކިސްތާނަށް ހިޖުރަކޮށް ޕާކިސްތާނުގައި މިހާރުވެސް ދިރިއުޅެމުން އަންނަ އެތައް ހާސް މުސްލިމުންގެ ވާހަކަ އެވެ. މި މުސްލިމުން ޕާކިސްތާނުގައި ދިރިއުޅެމުން އަންނަތާ 35 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ސަރުކާރުން ލިބޭ އެއްވެސް އަސާސީ ހިދުމަތެއް މި މީހުންނަށް ނުލިބެ އެވެ. ޕާކިސްތާނުން މި މީހުން ސިފަކުރަނީ "ހުއްދަނެތި އެތެރެވެފައިވާ މީހުންގެ" ގޮތުގަ" އެވެ.
މިއީ ސީއެންއެންގައި އިއްޔެ ޝާއިއު ކޮށްފައިވާ ރިޕޯޓަކާއި އަދި ބައެއް އެހެނިހެން މަސްދަރުތަކަށް ބަލާލާއި ކޮށްފައިވާ ތަރުޖަމާ އެކެވެ.
މި ވާހަކަ ފަށާފައިވަނީ އުމުރުން 41 އަހަރުގެ މުހައްމަދު ރަޝިދާއި ހަމައިންނެވެ. ރަޝީދަކީ މަސްވެރިއެކެވެ. ރަޝީދު މަސް ވިއްކަނީ ޕާކިސްތާނުގެ ކަރާޗީގެ މާރުކޭޓަކަށެވެ.
ރަޝީދު ބުނެފައިވާގޮތުގައި އެމީހުން ޕާކިސްތާނަށް ހިޖުރަކުރިއިރު އޭނާގެ އުމުރަކީ އެންމެ 10 އަހަރެވެ. ހިޖުރަކުރީ ބަރުމާގެ ސަރުކާރުގެ ވާގިވެރިކަމާއެކު ބުދުދީނުގެ އަހުލުވެރީން ދެމުން އަންނަ ލާއިންސާނީ އަނިޔާތަކަށް ކެތް ނުކުރެވިގެންނެވެ. ރަޝީދު ކިޔާދީފައިވާގޮތުގައި އެމީހުން އެންމެ ފުރަތަމަ ހިޖުރަކުރީ ބަންގްލަދޭޝަށެވެ. އެއަށްފަހު ޕާކިސްތާނަށެވެ. އޭރު ބޯޑަރު ކޮންޓްރޯލު ކުރުމުގެ ކަންކަން އެހާ ވަރުގަދަ ނޫން ކަމުން މާ ބޮޑު ދަތިކަމަކާއި ނުލާ އެއްގައުމުން އަނެއް ގައުމަށް ދެވެ އެވެ.
ރަޝީދު މިހާރު ދިރިއުޅެމުން އަންނަނީ ކަރާޗީއާއި ވަކިން އޮންނަ ކުޑަ އަވަށެއްގަ އެވެ. އެ އަވަށަށް ވަޒަންވެރިވެފައިވަނީ މުޅިންވެސް ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންނެވެ. އާބާދީ 55 ހާހަށް އަރަ އެވެ. އެ އަވަށަށް އެމީހުން އަމިއްލައަށް ވަޒަންވެރިވެ ދިރިއުޅެމުން އަންނަތާ އެތައް އަހަރެއް ވެފައިވީނަމަވެސް ޕާކިސްތާނުން އެ އަވަށާއިމެދު އަޅާލާކަށް ބޭނުމެއް ނުވެ އެވެ.
އެ އަވަށުގެ ރައްޔިތުންނަށް ޕާކިސްތާނުގެ އައިޑީކާޑު ލިބޭގޮތެއް ނުވެ އެވެ. އެހެންކަމުން އެންމެ އަސާސީ ހިދުމަތްތައްވެސް އެމީހުން ހަމަޖައްސަނީ އެމީހުން އަމިއްލައަށް އެކި ގޮތްގޮތުން މަސައްކަތް ކޮށްގެންނެވެ. ޕާކިސްތާނުގެ ގޭގޭގައި މަސައްކަތް ކޮށްގެންނާއި ފެކްޓަރީ ތަކުގައި މަސައްކަތް ކޮށްގެންނެވެ. މަސް ބާނައިގެން ކަރާޗީގެ މާރުކޭޓަށް މަސްވިއްކައިގެންނެވެ.
އެ އަވަށަށް ހާއްސަ ނަމެއް ޕާކިސްތާނުން ހަރުކޮށްފައި ވެ އެވެ. ކިޔަނީ އަރަކަނަބާދު އެވެ.
ޕާކިސްތާނުގެ ސަރުކާރުގެ އިތުރުން، ނޮބެލް ސުލްހައިގެ އިނާމު ލިބިފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފް ޒައި ވެސް ވަނީ ބަރުމާގައި މުސްލިމުންނާއި ދެކޮޅަށް ދެމުން އަންނަ ލާއިންސާނީ އަނިޔާ ކުށްވެރިކޮށް ވާހަކަ ދައްކާފަ އެވެ.
ނަމަވެސް މިހާރުވެސް ޕާކިސްތާނުގައި ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ އެތައް ހާސް މުސްލިމުންނެއް ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން އަންނައިރު އަދި މި މީހުން އެ ގައުމުގައި ރެފިއުޖީންގެ ގޮތުގައި އެންމެހާ އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައިވާހާލު ދިރިއުޅެމުން އަންނައިރު މި މީހުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސެމުގެ ވިސްނުން ޕާކިސްތާނުން ނުގެންގުޅޭ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކާއި ބައެއް ބޮޑެތި ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް