ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި ރޭ ހިނގި ހިތާވެރި ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން 95 މީހަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމަށް ސައުދީން ބުނެފި އެވެ.
ސައުދީ ހެލްތު މިނިސްޓްރީން ހާމަކުރާ ގޮތުގައި އެ ހާދިސާގައި ގާތްގަނޑަކަށް 300 އާ ގާތްކުރާ އަދަދަށް މީހުން ޒަހްމްވި އެވެ. އަދި 95 މީހަކު ދޫކޮށްލާފައި ވާއިރު ޒަހަމްވި އެހެން މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ސައުދީ ހެލްތު މިނިސްޓްރީން ހާމަކުރެ އެވެ.
ހަރަމްފުޅުގައި ހިނގި ހިތާމަވެރި ހާދިސާއަށް 24 ގަޑިއިރު ވާން ގާތް ވެފައިވާއިރު އެކަން ހިނގަން މެދުވެރިވި ސަބަބު ބެލުމަށް އަވަސް ތަހުގީގެއް ހިންގައި ރިޕޯޓެއް އެކުލަވާލުމަށް މައްކާގެ އަމީރު ޕްރިންސް ހާލިދު އަލް ފައިސަލް ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގާފަ އެވެ.
އެ ހާދިސާ ހިނގާފައިވަނީ މައްކާ ގަޑިން ހަވީރު 5:10 ހާއިރު އެވެ. ހާދިސާ ހިނގަން މެދުވެރިވީ ކެރޭނަށް ހޮނު އެޅުމުގެ ސަބަބުން ކަމަށް ހުޅަނގުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވީނަމަވެސް ސައުދީން މިކަމާ ބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރޭގެ އެ ހާދިސާގައި 107 ހައްޖާޖީއަކު ނިޔާވެ 300 އާ ގާތްކުރާ އަދަދަކަށް ހައްޖާޖީންނަށް އެކިވަރުގެ ޒަހަމްތައް ލިބުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް