ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް މިއަދު ވެސް އައިޖީއެމް ހޮސްޕިޓަލަށް ގެނެސް ޑޮކްޓަރަކަށް ދައްކައިފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނާޒިމް ހޮސްޕިޓަލަށް ގެނައީ މީގެ ގަޑިއެއް ހާއިރު ކުރިންނެވެ.
ހޮސްޕިޓަލުގެ އިންޓާނަލް މެޑިސިން ޑިޕާޓްމެންޓުގެ ޑޮކްޓަރަކަށް ނާޒިމް މިއަދު ދައްކާފައިވާއިރު މީގެ ދެދުވަސް ކުރިންވެސް ނާޒިމް އައިޖީއެމް ހޮސްޕިޓަލަށް ގެނަ އެވެ. އެ ދުވަހު ހޮސްޕިޓަލަށް ގެނައީ ޓެސްޓްތަކެއް ހެދުމަށްކަން ވަނީ އެނގިފަ އެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނައިރު ނާޒިމްގެ ސިއްހީ ހާލަތު ދެރަ ކަމަށް ނާޒިމްގެ އާއިލާއިން ވަނީ ކުރިން ބުނެފަ އެވެ. އަދި އައިޖީއެމް ހޮސްޕިޓަލުން ނާޒިމްގެ ލޮލުގެ ޓެސްޓްތަކެއްވެސް މީގެ ކުރިން ހަދާފައި ވެ އެވެ.
އޭނާގެ ލޮލަށް ފަރުވާ ދިނުމަށް ތަކުރާރުކޮށް ވަނީ މާލެ ގެނެސްފައިވާއިރު ޖަލަށް ލީ ފަހުން ވަނީ ރާއްޖެއިން ބޭރުންވެސް ފަރުވާ ހޯއްދަވާފަ އެވެ.
ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނު ކަމުގެ ކުށުގައި ނާޒިމަށް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް