ހއ އަތޮޅުގެ ހަތަރު ރަށަކަށް އެޑިއުކޭޝަން މިނިސްޓަރު ޒިޔާރަތް ކުރައްވައިފި އެވެ.
މިނިސްޓަރު އިއްޔެ ޒިޔާރަތްކުރެއްވީ އުލިގަމު މަދަރުސާއަށާއި، ތުރާކުނު މަދަރުސާއަށާއި، މޮޅަދޫ ސްކޫލަށް އަދި އިހަވަންދޫ އަށެވެ.
މިނިސްޓްރީން މައުލޫމާތތު ދޭ ގޮތުގައި ހަތަރު ދުވަހުގެ މުއްދަތަކަށް މިނިސްޓަރ އިއްޔެ ފެށްޓެވި މި ދަތުރުފުޅުގައި އިއްޔެ ވަނީ ބާރަށު ސްކޫލަށާއި، ފިއްލަދޫގައި ހުންނަ މަދަރުސަތުއް ޞަބާހު އަށާއި، އެ އަތޮޅު ކެލާގައި ހުންނަ މަދަރުސަތުލް ޝޭހު އިބްރާހީމް އަށާއި، ވަށަފަރު މަދަރުސާއަށް އަދި ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާއަށް ޒިޔާރަތްކުރައްވާފަ އެވެ.
"މި ދަތުރުފުޅުގައި އެކަމަނާ ވަނީ މި ސްކޫލްތަކުގެ ސީނިއަރ މެނޭޖްމަންޓާއި ޓީޗަރުންނާއި ސްކޫލް ބޯޑާއި ޕީޓީއޭ ހިންގާ ކޮމިޓީ އާ ބައްދަލުކުރައްވާފަ، އަދި މީގެ އިތުރުން މި ރަށްރަށުގެ ރަށުކައުންސިލްގެ ބައެއް މެންބަރުންނާ ވެސް މިނިސްޓަރ ބައްދަލުކުރެއްވި" މިނިސްޓްރީން މައުލޫމާތު ދެ އެވެ.
މި ބައްދަލުކުރެއްވުންތަކުގައި މި ސަރުކާރުން ގެންގުޅުއްވާ ތައުލީމީ ސިޔާސަތުގެ މައުލޫމާތު އެފަރާތްތަކާ މިނިސްޓަރު ހިއްސާކުރެއްވި ކަމަށާއި އަދި ސަރުކާރުގެ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް މިނިސްޓަރ ހިއްސާކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ދަތުރުފުޅުގައި މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާރަންދޫ، ތަކަންދޫ އަދި ދިއްދޫ އަށެވެ.
މިނިސްޓަރ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދާދީ ފަހުން ވަނީ ހދ. އަތޮޅުގެ ހުރިހާ ސްކޫލްތަކަށް އަދި ފ. އަތޮޅާއި ދ. އަތޮޅުގެ ހުރިހާ ސްކޫލަކަށް ޒިޔާރަތްކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް