މި ހިތާމަވެރި ހާދިސާގައި 107 މީހަކު ނިޔާވެ ޒަހަމްވި މީހުންގެ އަދަދު 238 އަށް އަރާފައިވާކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުލިބެ އެވެ.
މައްކާއަށް ކުރަމުންދިޔަ ގަދަ ވިއްސާރައިގާ ކެރޭނެ ވެއްޓެން ދިމާވީ ހޮނު އެޅުމުގެ ސަބަބުން ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް ސައުދީން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ކެރޭނު ވެއްޓެން ދިމާވި ސަބަބު ހޯދުމަށް ތަހުގީގު ވަނީ ފަށާފަ އެވެ.
ނިޔާވީ ކޮންކޮން ގައުމެއްގެ ބައެއްކަން ސައުދީގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ނިޔާވި ހައްޖާޖީންގެ ތެރޭގައި އިންޑިއާ، ޕާކިސްތާނު އަދި ބަންގްލަދޭޝްގެ ހައްޖާޖީން ހިމެނޭކަމަށް އެ ގައުމުތަކުގެ ކޮންސުލްތަކުން ވަނީ ބުނެފަ އެވެ.
ޕާކިސްތާނުގެ ކޮންސުލް ޖެނެރަލް އަފްތާބް އަބްދުލް ޚޮޚަރ ބުނެފައިވަނީ ޕާކިސްތާނުގެ 15 ހައްޖާޖީއަކު ނިޔާވިކަން ކަށަވަރު ވެފައި ވާކަމަށެވެ.
އިންޑިއާގެ ކޮންސުލް ޖެނެރަލް ބީ އެސް މުބާރަކް ބުނެފައިވަނީ އެގައުމުގެ 10 ހައްޖާޖީއަކު ނިޔާވިކަން ކަށަވަރުވި ކަމަށެވެ.
ބަންގްލަދޭޝްގެ ކޮންސުލް ޖެނެރަލް އޭ ކޭ އެމް ޝާހިދުލް ކަރީމް ބުނެފައިވަނީ އެ ހާދިސާގައި ބަންގްލަދޭޝްގެ 25 ހައްޖާޖީއަކު ނިޔާވިކަން ކަށަވަރުވާ ކަމަށެވެ.
ހަރަމްފުޅުގެ ތަރުޖަމާނު އަހްމަދު އަލް މަންސޫރީ ވިދާޅުވެފައިވަނީ އެ ހާދިސާ ހިނގީ ސައުދީ ގަނޑިން ހަވީރު 5:10 ހާއިރު ކަމަށާއި ހަރަމްފުޅުގެ ތެރެއަށް ކެރޭނު ވެއްޓުނު ސަރަހައްދަކީ މަރްވާ އާއި ސަފާ އާ ދެމެދު ހައްޖާޖީން ހިނގާ ސަރަހައްދު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް