މައްކާއަށް ކުރަމުންދާ ގަދަ ވިއްސާރައިގާ ކެރޭނެއް ވެއްޓި ރޭ ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މީހުންގެ އަދަދު 107 އަށް އަރާފައިވާއިރު ޒަހަމްވި މީހުންގެ އަދަދު 238 އަށް އަރާފައި ވާކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޭ ހިނގި އެ ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގެއް ފެށުމަށް މައްކާގެ އަމީރް ޕްރިންސް ހާލިދު އަލް ފައިސަލް ވަނީ ގޮވާލާފަ އެވެ.
އެ ހާދިސާގައި ނިޔާވީ ކޮންކޮން ގައުމުތަކެއްގެ ބައެއްކަން އަދި ނޭންގުނު ނަމަވެސް ނިޔާވި ހައްޖާޖީންގެ ތެރޭގައި އިންޑިއާ، ޕާކިސްތާނު އަދި ބަންގްލަދޭޝްގެ ހައްޖާޖީން ހިމެނޭކަމަށް އެ ގައުމުތަކުގެ ކޮންސުލްތަކުން ވަނީ ބުނެފަ އެވެ. ސައުދީގައި ހުންނަ ޕާކިސްތާނުގެ ކޮންސުލް ޖެނެރަލް އަފްތާބް އަބްދުލް ޚޮޚަރ ބުނެފައިވަނީ ޕާކިސްތާނުގެ 15 ހައްޖާޖީއަކު ނިޔާވިކަން ކަށަވަރު ވެފައި ވާކަމަށެވެ.
އިންޑިއާގެ ކޮންސުލް ޖެނެރަލް ބީ އެސް މުބާރަކް ބުނެފައިވަނީ އެގައުމުގެ 10 ހައްޖާޖީއަކު ނިޔާވިކަން ކަށަވަރުވި ކަމަށެވެ. ބަންގްލަދޭޝްގެ ކޮންސުލް ޖެނެރަލް އޭ ކޭ އެމް ޝާހިދުލް ކަރީމް ބުނެފައިވަނީ އެ ހާދިސާގައި ބަންގްލަދޭޝްގެ 25 ހައްޖާޖީއަކު ނިޔާވިކަން ކަށަވަރުވާ ކަމަށެވެ.
ހަރަމްފުޅުގެ ތަރުޖަމާނު އަހްމަދު އަލް މަންސޫރީ ވިދާޅުވެފައިވަނީ އެ ހާދިސާ ހިނގީ ސައުދީ ގަނޑިން ހަވީރު 5:10 ހާއިރު ކަމަށާއި ހަރަމްފުޅުގެ ތެރެއަށް ކެރޭނު ވެއްޓުނު ސަރަހައްދަކީ މަރްވާ އާއި ސަފާ އާ ދެމެދު ހައްޖާޖީން ހިނގާ ސަރަހައްދު ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން މައްކާގެ ހޮސްޕިޓަލުތަކުގައި "ރެޑް އެލާޓް" ވަނީ އިއުލާނުކޮށްފަ އެވެ. ސިވިލް ޑިފެންސް އޮތޯރިޓީން ހާމަކުރާގޮތުގައި އެމަޖެންސީ ޓީމުތަކުން މެދު ނުކެނޑި އަންނަނީ އެ ސަރަހައްދުގައި އަދިވެސް ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް