ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސް ހޫނުވެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރުޅިގަދަވެއްޖެއެވެ.
މިއަދު ބަހުސް ކުރިއަށް ގެންދިޔައީ ކޮންމެ ތިން އަހަރަކުން އެއް ފަހަރު އެ ފީއަށް ބަދަލު ގެނެވޭ ގޮތް އޮތުމާ ގުޅޭގޮތުންނެވެ. މި ބަހުސްގައި ވާހަކަ ދައްކަވަމުން ހިތަދޫ ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ އެފަދަ ބިލެއް ސަރުކާރުން ފޮނުވާނީ ވަރަށް ބޮޑަށް ދިރާސާކޮށްފައި ކަމަށާއި ސަރުކާރަށް ލިބޭ އާމްދަނީއާ ވެސް އެ އަދަދު ގުޅޭ ކަމަށެވެ.
އެކެމާއި ގުޅިގެން ގާސިމް ވިދާޅުވީ އެ އިސްލާހުތައް އެ ހުރި ގޮތަށް ފާސްކޮށްފި ނަމަ ރައްޔިތުން ނިކުމެ ވެރިކަން ބަދަލުކޮށްފާނެ ކަމަށެވެ. އަދި ސަރުކާރަކުން ފޮނުވާހައި އެއްޗެއް އެ އޮތް ގޮތަށް ފާސްކުރާކަށް ނުޖެހޭނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
އެ ބިލުގައި އޮތީ ކޯޓާ ފީގެ ގޮތުގައި ކޮންމެ ކޯޓާއަކަށް2000ރ ދައްކަން ޖެހޭނެ ކަމަށާއި ވަޒީފާއާ ބެހޭ ގާނޫނުގގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން ކޮންމެ ތިން އަހަރަކުން އެއްފަހަރު އެ ފީއަށް30 އިންސައްތަ އަށް ވުރެން އިތުރު ނުވާ ވަރުެ ބަދަލެއް ގެނެވޭނެ ކަމަށެވެ.
"އަޅުގަނޑު އެއްގޮތަކަށް ވެސް ބޭނުމެއް ނޫން ލޯބީގެ ކަތުރަކުން ކަފާލާ ގޮތަށް ބަޔަކު ގާނޫނެއް ހަދާފައި ފޮނުވީމާ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ލޯބީގެ ކަތުރަކުން ކަފާލައި ނިންމާލާކަށެއް،އެހެން ވީމަ އަޅުގަނޑު ތާއީދު ނުކުރަން"
ގާސިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަޒާންއަށް ލިބުނު ފުރުސަތުގައި ވިދާޅުވީ ސަރުކާރުން އެފަދަ ބިލެއް ފޮނުވާނީ ވަރަށް ބޮޑަށް ދިރާސާ ކޮށްފައި ކަމަށެވެ. އަދި އެ އިސްލާހަށް ބަދަލުތަކެއް ގެނެސްފި ނަމަ ސަރުކާރުން ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީއަށް އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.
އަދި އަޒާންގެ ވާހަކަތަކަށް ރައްދު ވެއްވައި ގާސިމް ވިދާޅުވީ މަޖިލިސް މެންބަރުންނަކީ ސަރުކާރުން ބަޔަކު ހަދާފައި ދެހައި ބިލެއް އެ އޮތް ގޮތަށް ފާސްކުރަން ތިބޭ ބައެއް ނޫން ކަމަށާއި، އެއީ ﷲ ގަންދީ ހުވައެއް ކޮށްގެން ތިބި ބައެއްކަން ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި އެ އިސްލާހު އިތް ގޮތަށް ފާސކޮސްފި ނަމަ ރައްޔިތުން ނިކުމެ ސަރުކާރު ވައްޓާލާނެ ކަމުގެ ބިރުވެސް އެބައޮތް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމްގެ ވާހަކަތަކަށް އަޒާން ހުރަސްއެޅުމަށް މަސައްކަތް ކުރުމުން ގާސިމް ވަނީ އަޑު ހަރުކޮށް ވާހަކަ ދައްކާފައެވެ.
" ސަރުކާރޭ ބުނީމަ އަހަރުމެން ތުރުތުރު އަޅާނެތަ؟ ސަރުކާރުގައި ތިބީ ކޮންބައެއްތަ؟ ކޯއްޗެއް އެނގޭ ބައެއްތަ؟ ސަރުކާރުގައި ތިބީ ވަކި ކޯއްޗެއް ދަންނަ ބައެއްތަ؟ އަހަރުމެންނަށް ނޭނގޭ ވަކި ކޯއްޗެއް އެނގެނީ؟" ގާސިމް ވިދާޅުވިއެވެ.
މިއަދުގެ މަޖިލީސް ހޫނުވެ ސަރުކާރުން ފޮނުވި ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހު ގެނުމުގެ ބިލާ މެދު ވަނީ ގޮތެއް ނިންމޭ ގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް