އަންނަ އަހަރު ތެރޭގައި ރާއްޖޭގައި އިންޑިއާގެ ފިލްމެއް ކުޅުމަށް އިންޑިއާގެ މަޝްހޫރު ޕްރޮޑިއުސަރަކާ މަޝްވަރާތަކެއް ކުރައްވަމުން ދާކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، އިންޑިއާއަށް ކުރެއްވެވި ދަތުރުފުޅުގައި އިންޑިއާގެ ޕްރޮޑިއުސަރަކާ ބައްދަލު ކުރައްވާ ދެ ގަޑިއިރެއްހާއިރު އެ މަޝްވަރާތައް ކުރެއްވެވި ކަމަށެވެ. އަދި މިވަގުތު މި މަޝްވަރާތަކާއި ގުޅިގެން މާ ބޮޑު ތަފްސީލަކަށް ނުދިޔަ ނަމަވެސް މިކަން100 އިންސައްތަ ޔަގީން ވުމުން މި ވާހަކަތައް މީޑިއާ އާއި ހިއްސާ ކުރައްވަވާނެކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
މިކަން ވާނެ ކަމަުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބެއްކަން ފާހަގަ ކުރައްވަވާ ފައިސަލް ވިދާޅުވީ، އެ ޕްރޮޑިއުސަރުގެ ބައެއް މަސައްކަތްތައްވެސް ވަނީ މިނިސްޓަރަށް ދައްކާލާފައި ކަމަށެވެ.
ރާއްޖޭގައި އިންޑިއާގެ ފިލްމެއް ކުޅުމުގެ މަޝްވަރާތައް ވަރަށް ގާތުން އެ ފަރާތާއި ކުރައްވަމުން ދާއިރު އަންނަ އަހަރުތެރޭގައި ރާއްޖޭގައި ވަރަށް ވަރުގަދަ މަސައްކަތްތަކެއް ފެއްޓޭ ވަރު ވާނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ފައިސަލް ވިދާޅުވފައިވެއެވެ.
އަދި މި މަސައްކަތްތަކުގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިސްތިހާރުވެގެން ދާނެ ކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވެވިއެވެ.
މީގެއިތުރުން އިންޑިއާގެ މަޝްހޫރު އިންފުލުއެންސާސް އަދި ފިލްމު ސްޓާރުން ރާއްޖެ ގެނައުމުގެ މަސައްކަތްތައްވެސް މިހާރު ކުރައްވަމުން ގެންދަވާ ކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް