ކުދިބޮޑު ގިނަބަޔަކު އިންތިޒާރުކުރަމުންދާ ދިވެހި ފިލްމު "ރޮބޯމޭން – ދަ މޫވީ" ގެ ޕޯސްޓަރު ދައްކާލައިފިއެވެ.
މި ފިލްމަކީ ދިވެހިންގެ މެދުގައި މަގްބޫލު ހުނަރުވެރި ހުށަހެޅުންތެރިޔާ ރޮބޯމޭން ފެނިގެންދާ ޚިޔާލީ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގެ ޕޯސްޓަރު ދައްކާލުމަށް އަންގާރަދުވަހުގެ ރޭ ވަނީ ވައިޓް ރޫފްޓޮޕްގައި ޚާއްސަ ޙަފްލާއެއް ބާއްވާފައެވެ. ދިވެހި ފިލްމީދާއިރާގެ މަގްބޫލު ގިނަ ތަރިންތަކެއްވަނީ މި ޙަފްލާގައި ބައިވެރިވެފައެވެ. މި ޙަފްލާގައި އެންމެ ފާހަގަކުރެވުނު އެއް ނަންބަރަކީ އޮޑިޝަންތަކަކަށްފަހު މި ފިލްމުގައި ރޮބޯމޭންއާއެކު އެކްޓްކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ކުޑަދެކުދިންގެ ފެނިލުމެވެ. 100 އަށްވުރެ ގިނަ ކުދިންނާއެކު ކުރިއަށް ދިޔަ އޮޑިޝަންތައް ގިރާކުރުމަށްފަހު ރޮބޯމޭން އާއެކު މިފިލްމުގައި އިސްރޯލުތަކުގައި އެކްޓުކުރުމުގެ ފުރުސަތު ލިބިފައިވަނީ އަމީލިއާ ނަސްރުﷲ ޝަކީބު އަދި މިޝާ އިސްމާއިލް ނިޔާޒް އަށެވެ. މި ދެކުދިންގެ އިތުރުންވެސް އެކި ރޯލުތަކުން ގިނަ ކުދިންތަކެއް މި ފިލްމުން ފެނިގެންދާނެއެވެ.
މި ޙަފްލާގައިވަނީ މި ފިލްމުގައި ކެމިއޯ ރޯލުތަކުން ފެނިގެންދާ ދިވެހިންގެ މެދުގައި މަގްބޫލު ފިލްމު އިންޑަސްޓްރީގައި ތަޖުރިބާކާރު ދެ އެކްޓަރުން ކަމުގައި މަރިޔަމް އައްޒަ އަދި ރަވީ ފާރޫގް ބައިވެރިވެ ޕްރޮޖެކްޓް އެގްރީމަންޓްގައި ސޮއިކޮށްފައެވެ. އެއާއެކު މި ފިލްމުގައި ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކާއެކުވެސްވަނީ މި ޙަފްލާގައި ސޮއިކޮށްފައެވެ.
ޙަފްލާ ނިންމާލުމުގެ ގޮތުން ވަނީ ޙަފްލާގެ ބައިވެރިންނަށް މި ފިލްމުގެ ޙާއްސަ ޓީޒަރ ޓްރެއިލާރ އެއް ދައްކާލާފައެވެ. ފިލްމާއި ގުޅުންހުރި އެންމެ ފަހުގެ އަޕްޑޭޓްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް "ރޮބޯމޭން – ދަ މޫވީ" އިންޓްސްޓަގްރާމް ޕޭޖުން ފެންނާނެއެވެ.
މި ފިލްމު އޮލިމްޕަސް ސްކްރީނުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރު 2024 ގައެވެ. އަދި އެއަށްފަހު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް ޓީވީ އަދި ފޯނު މެދުވެރިކޮށް މި އަހަރު ފަހުކޮޅު ބަލާލެވޭނެއެވެ. މި ފިލްމަކީ އެމް އޮރިޖިނަލްސް ބެނާރގެ ދަށުން އުފައްދާ މީޑިއާނެޓު ވީޑިއޯކްލަބް އަދި އޯރކޭޒް އިންކްގެ ފަރާތުން ތައްޔާރުކުރާ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް