ގުޅީފަޅުން އިންވަކިކޮށް ގޯތި ދެވޭނެ ތާރީހެއް ބުނަން ދަތި – ކުރިން ދޫކުރި ގޯތިތަކުގެ ކަންމުޑިތައްވެސް ހަލާކުވެއްޖެ: ހައުސިން މިނިސްޓަރު

ކުރީ ސަރުކާރުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރެވޭނެ ވަކި ތާރީހެއް ދަންނަވަން ދަތިކަމުގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު  ވ...

12 Aug 2024 | 08:26

ކުރީ ސަރުކާރުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރެވޭނެ ވަކި ތާރީހެއް ދަންނަވަން ދަތިކަމުގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު  ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް، ވަޒީރާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ގުޅީފަޅުގެ ބިން އަދި ހިއްކާވެސް ނުނިމޭ ކަމަށާއި އަދި ގުޅީފަޅަކީ ތިލަމާލެ ބްރިޖް މަސައްކަތަށް ވަރަށް ބޮޑަށް ބޭނުންކުރެވެމުންދާ ތަނަކަށްވާހިނދު، ބޮޑެތި ހެވީ ވެހިކަލްތައް ގުޅީފަޅުގައި އޮޕަރޭޓްކުރަމުން އަންނަހިނދު ކުރިން ދޫކުރި ގޯތިތަކުގެ ކަންމުޑިތައްވެސް މިހާރު ހަލާކުވެފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ އެ ސަރަހައްދު ހުސްކުރެވޭނީ ސެޕްޓެމްބަރު ހާތަނަށް ކަމުގައި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނާކަމަށެވެ. އަދި ގުޅީފަޅުން ގޯތި ދިނުމުގެ ކަންތަކާ އުޅެވޭނީ އެއަށްފަހުގައި ކަމުގައި ވަޒީރު ޑރ. ހައިދަރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ގުޅީފަޅުން ގޯތިތައް ދޫކޮށްފައިވަނީ ދިރިއުޅެން އެކަށީގެންވާކަހަލަ ގޮތަކަށްވެސް ނޫން ކަމަށާއި އަލުން ލޭންޑް ޔޫސް ޕްލޭން ހެދި ގުޅީފަޅު ކޮމިއުނިޓީއާ ހިއްސާ ކުރެވި އެ ލޭންޑް ޔޫސް ޕްލޭން ފާސްވުމާއި ގާތްވެފައިވާކަމަށެވެ.

މީގެ އިތުރުން ގިރާވަރު ފަޅުން ގޯތިދިން ބައެއް ފަރާތް ތައްވެސް ގުޅީފަޅަށް ބަދަލުކުރަންޖެހޭއިރު ބިން ހިއްކާވެސް ނުނިމޭ ކަމަށެވެ. ގޯތިތައް ދީފައިހުރީ ކަނޑާއި ފަޅުންކަމުގައިވާއިރު އެ ގޯތިތައް ދެވޭނީ ހިއްކާ ނިމުމުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ގޯތިތައް ހަވާލުކުރެވޭނީ 85 ހެކްޓަރުގެ ބިން އިތުރަށް ހިއްކާ ނިމުމުން ކަމަށެވެ.

ސުވާލުގެ ޖަވާބު ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ އެންމެ އިސް ވައުދު ކަމަށާއިރާއްޖޭގެ ހުރިހާ އެންމެންނަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާއިރު އެ ވައުދު މި ސަރުކާރުން ފުއްދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް