ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ހއ، ހދ އަށް ފުރާ ވަޑައިގެންފިއެވެ.
މިއަދު ހެނދުނު ފެއްޓެވި މި ދަތުރުފުޅުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އޭގެ ތެރޭގައި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)، ޕީޕީއެމް/ޕީއެންސީ ކޯލީޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް (އަދުރޭ)، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމު، ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫންހިމެނިވަޑައިގަންނަވައެވެ.
ކެމްޕޭނަށް މުއިއްޒު މިއަދު ވަޑައިގަންނަވާނީ، ހަނިމާދޫ، ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީއަށެވެ. އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރއްވުމަށްފަހު، މިރޭ ކުޅުދުއްފުށީގައި ހާއްސަ ކެމްޕޭން ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކެމްޕޭން ހަރަކާތް ފެއްޓެވުމުގެ ގޮތުން މުއިއްޒު ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދޮރުން ދޮރަށް ހިންގަވާފައެވެ. އަދި މާލޭ ކާނިވާ ސަރަހައްދުގައި މުއިއްޒުގެ ކެމްޕޭން ޖަގަހައެއްވެސް ވަނީ ހުޅުވާފައެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް