ދަބަހު ތަޅެއް ނެތަތީ ފިލްމީތަރި މަލް، ޑައިމޯފިން ޓްރެފިކްކުރި ކަމަށް ސާބިތެއް ނުކުރެވުނު

ދިވެހި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް ދައުލަތުން އުފުލި ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އޭނާ އާއި ފާތިމަތު ރިފްގާގެ މައްޗަށް ދައު...

12 Aug 2022 | 15:05

ދިވެހި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް ދައުލަތުން އުފުލި ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާ އާއި ފާތިމަތު ރިފްގާގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ 2019، އޮގަސްޓު 27 އޮގަސްޓުގައި އެ ދެ މީހުން އދ. މާމިގގިއްޔަށް ދިޔަ ލޯންޗަކުން އެ ރަށަށް ގޮސް، އެ ރަށުގެ އުތުރު ބަނދަރު ސަރަހައްދުގައި ތިއްބައި ފުލުހުން އެތަނަށް ގޮސް، ދެ މީހުންގެ އަންނައުނު ހުރި ދަބަހެއްގެ ތެރެއިން ފެނުނު ސިނގިރޭޓު ފޮއްޓެއްގެ ތެރޭގައި އޮތް ޖޫސްޕެޓީ ކޮތަޅެއްގައި 15.79 ގްރާމްގެ ޑައިމޯފިން ފެނުމުންނެވެ.

އެހެންނަމަވެސް ދެ މީހުން ވެސް ވަނީ ދައުލަތުން އުފުލާފައިވާ އެ ދައުވާ އަށް އޭރުވެސް އިންކާރު ކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ދަބަސް ރިފްގާ އާއި މަލް ގެންގުޅެނިކޮށް ފެނިފައިނުވާ ކަމަށް ހެކިން ބުނާ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނުނު ސިނގިރޭޓު ފޮށީގެ ތެރެއިން ދެ މީހުންގެ ފިންގަރ ޕްރިންޓް ވެސް ފެނިފައިނުވާއިރު، ދަބަހުން އެ މީހުންގެ އަންނައުނު ފަދަ އެއްޗެއް ފެނުނު ކަމަށް ފުލުހުން ބުނެފައިނުވާ ކަމަށެވެ.

ދަބަސް ތަޅުނުލާތީ އެ ދަބަހަށް ވާސިލްވުމަށް އެހެން މީހުންނަށް ފުރުސަތު އެބައޮތް ކަމަށާއި އެހެންވެ ދައުވާ ލިބޭ ދެ މީހުންނާއި މަސްތުވާތަކެއްޗާ ގުޅުވޭނެ އިތުރު ހެއްކެއް ނެތް ކަމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު ކުރެއްވި ހުކުމްގައިވެއެވެ.

އެހެންކަމުން، އެ ދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާ ކަމަށް ގާޒީ ވަނީ ހުކުމް ކުރައްވާފައެވެ.

މި މައްސަލައިގެ އިތުރުން ބަނގުރަލުގެ މައްސަލައަކާ ގުޅިގެން ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު ވެސް މަލް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލައިގައި އޭނާގެ ކުޑަކަމުދާ ތަކެތި ދޭން އިންކާރުކުރުމުން، ޕީޖީން އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް