ލީކުވި ވީޑިއޯ އާ ގުޅިގެން އެމްއެންޕީން ޝިފާ އާމެދު އެޅި ފިޔަވަޅެއް ބުނެނުދެވުނު

ފިލްމީ ތަރި އަދި ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ލީކްވެފައިވާ ވީޑިއޯ އާ ގުޅިގެން އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޝިފާ އާމެދު އެޅީ ކޮން ފިޔަވަޅެއް ކަމެއް ބުނަން ދެ...

12 Aug 2022 | 13:15

ފިލްމީ ތަރި އަދި ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ލީކްވެފައިވާ ވީޑިއޯ އާ ގުޅިގެން އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޝިފާ އާމެދު އެޅީ ކޮން ފިޔަވަޅެއް ކަމެއް ބުނަން ދެކޮޅު ހަދައިފިއެވެ.

އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް ސޯޝަލް މީޑިއާ ގައި ލީކުވުމާއި ގުޅިގެން މީގެކުރިން އެ ޕާޓީން ބުނެފައިވަނީ އެ މައްސަލަ އެ ޕާޓީން ބަލަމުން އަންނަކަމަށެވެ.

އެހެންކަމުން މިކަމުގެ އެންމެފަހުގެ މައުލޫމާތެއް ހޯދުމަށް އެމްއެންޕީ މީޑިއާގެ އޮފިޝަލަކަށް މެސެޖުކޮށް ދެ ދުވަސް ވީ އިރުވެސް ޖަވާބެއް ނުލިބުމުން މިހާރުގެ ސްޕޯކްސް ޕާރސަން ޝިދާތާ ޝަރީފްއަށް ބްރާސްފަތި ދުވަހު މެންދުރު ގުޅުމުން ޗެކްކޮށްލާފަ ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވިނަމަވެސް ފަހުން ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ލީކުވި ވީޑިއޯތަކުގައި ޝިފާކަމަށް ބެލެވޭ އަންހެން ކުއްޖަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ވަނީ ފެނިފައެވެ.

އެ މައްސަލައިގާ ޝިފާ ބުނެފައިވަނީ ދައުރުވަމުންދާ ވީޑިއޯ އާއި އޭނާ އާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކައަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ވީޑިއޯއަކީ އަސްލެއް ނެތް އެޑިޓެއް ކަމަށެވެ. އަދި އެ ވީޑިއޯއަކީ ބަޔަކު ގަސްތުގައި ދުރާލާ ރާވައިގެން އޭނާގެ އަބުރު ވެއްޔާއި މޮޑެލަށް ހެދި އެއްޗެއް ކަމަށާއި އެ ވީޑިއޯ ހެދީ އޭނާގެ މަޝްހޫރު ކަމަށް ހިޔަނި އަޅުވަން ފިލްމީ ދާއިރާގައި އުޅޭ ބަޔަކު އަޑީގައި ތިބެގެން ކަމަށް ވެސް ޝިފާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ އެފަދަ ހަޑިމުޑުދާރު އަމަލެއް ބަޔަކު ހިންގީ އޭނާއަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބުނު މަޝްހޫރު ކަމުން ކަމަށާއި އޭނާއަކީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑު ބޮޑު އެއް ތަރި ކަމަށެވެ. އަދި އެއީ ބެލުންތެރިންގެ ލޯބި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދި ސުޕަރ ސްޓާރެއް ކަމަށެވެ.

އޭނާ އާއި ގުޅޭގޮތުން ދޮގު ވީޑިއޯއެއް ހެދުމުގެ އަޑީގައި ތިބި ބަޔަކު ހޯދައި އެބައެއްގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް ވެސް ޝިފާ ވަނީކުރިން ބުނެފައެވެ.

ހަމަމިއާއެކު އެ ވީޑިއޯތަކުގެ މައްސަލައިގާ ޝިފާގެ ނަމުގައި ފޭސްބުކް ގެ ޕޭޖެއްގައި ކޮމެންޓުތަކެއް ދައުރުވަމުންދާތީ އެކަމާއިގުޅިގެން ޝިފާ ބުނެފައިވަނީ "ފޭސްބުކްގައި މަރިޔަމް ޝިފާގެ ނަމުގައި ހިންގަމުން އެ ދަނީ އަސްލު ޕޭޖެއް ނޫން" ކަމަށެވެ.

މިއަހަރުގެ ޖޫން 15 ގައި ޝިފާ ވަނީ ފުލުހަށް ވެސް ހާޒިރުކޮށް ބަލަމުންދާ މައްސަލައަކާއި ގުޅިގެން ވަނީ ބަޔާނެއް ވެސް ނަގާފައެވެ. އެހެންނަމަވެސް އެއީ ސީދާ ކޮންކަމަކާއި ގުޅިގެން ނެގި ބަޔާނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް ނުވިއިރު، ޝިފާގެ ބަހެއް ހޯދުމަށް މެސެޖު ކުރުމުން މެސެޖު ބެލުމަށްފަހު، އޭނާގެ ޖަވާބެއް ވެސް ވަނީ ނުލިބިފައެވެ.

މީގެ އިތުރުން ޝިފާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމުގެ ޚަބަރުތަކެއް ވެސް ފެތުރިފައިވާއިރު، އޭނާ ރާއްޖެ ދޫކޮށް ދިޔަ ކަމަށްވެސް ވަނީ އަޑުތައް ފެތުރިފައެވެ. އެކަމަކު މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް އެކިރަށްރަށުގައި ކުރިއަށް ގެންދިޔަ ނެށުމުގެ ހަރަކާތްތަކުގައި ބައެއް ރަަށްރަށުން ޝިފާ ވަނީ ފެނިފައެވެ.

އެގޮތުން މާލެއަތޮޅު ދިއްފުށީގައި ބޭއްވި ޢީދު ޝޯވ ގައި ޝިފާ ނަށަން އެރުމުން ޝޯވ ބަލަންތިބި މީހުންގެ ނުރުހުން އަމާޒުވުމުން އޭނާ ވަނީ ސްޓޭޖުން ބާލަފައެވެ. އަދި އޭނާ ވަނީ ދިއްފުށިން ފުރުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް