ދިރާގުން ގްލޯބަލް ސުޕަރ ހައިވޭގެ ސީ-މީ-ވީ-6 ސަބްމެރިން ކޭބަލް ސިސްޓަމްގެ ލޭންޑިންގ ސްޓޭޝަން ހުލުމާލޭގައި ގާއިމްކުރަނީ

ދިރާގުން ވަނީ ދުނިޔޭގެ ސުޕަ ހައިވޭ ސީ-މީ-ވީ-6 ސަބްމެރިން ކޭބަލް ސިސްޓަމާއި ދިވެހިރާއްޖެ ގުޅާލުމަށް ބޭނުންވާ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ޤާއިމްކުރުމަށް މަސައްކަތްފަށައިފިއެވެ. މިއަހަރުގެ ކުރީކޮޅު ދި...

12 Aug 2022 | 11:30

ދިރާގުން ވަނީ ދުނިޔޭގެ ސުޕަ ހައިވޭ ސީ-މީ-ވީ-6 ސަބްމެރިން ކޭބަލް ސިސްޓަމާއި ދިވެހިރާއްޖެ ގުޅާލުމަށް ބޭނުންވާ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ޤާއިމްކުރުމަށް މަސައްކަތްފަށައިފިއެވެ.

މިއަހަރުގެ ކުރީކޮޅު ދިރާގުން ދުނިޔޭގެ ވަރުގަދަ މުޢާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއްހިމެނޭ ކޮންސޯޓިއަމްއާއި ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެމަސައްކަތް ޢަމަލީގޮތުންވަނީ ފަށާފައެވެ. މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝީއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖު ތަކަށް ދިރާގުގެ ނެޓްވަރކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބި ގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން ދިރާގުން ދަނީ ރާއްޖޭގެ ކޭބަލް ބްރާންޗު ހުޅުމާލޭގައި ލޭންޑްކުރުމަށް ބެނުންވާ ކޭބަލް ލޭންޑިން ސްޓޭޝަން ޤާއިމްކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙުމަދު ވަނީ މި ލޭންޑިންގ ސްޓޭޝަން ހެދުމަށް ބޭނުންވާ ބިން ހުޅުމާލެއިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރިން ކޭބަލްއަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން ދެކުނު އޭޝިޔާއިންފެށިގެން، އިންޑިޔާ، މެދުއިރުމަތި އަދި ހުޅަގު ޔޫރަޕާ ގުޅާލެވޭ މި ހައިސްޕީޑް ސަބްމެރީން ކޭބަލްސިސްޓަމް އާ  ރާއްޖެ ގުޅާލުމަށްވަނީ ހަމަޖެހިފައިވެއެވެ. ސިންގަޕޫރުންފެށިގެން ފްރާންސް އާއި ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025ވަނަ އަހަރުގެ ފުރުތަމަ ކުއާޓަރއަށް ނިމޭނެއެވެ.

މިއީ ދިރާގުގެ ނެޓްވޯކު ޔޫރަޕާއި މެދުއިރުމައްޗާއި ދެމެދު އަދި އިންޑިއާއިން ސިންގަޕޫރަށް ގުޅާލުމަށްޓަކައި ދިރާގުން ކުރާ ބޮޑު އިންވެސްޓްމެންޓެކެވެ. ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލް ތަކަކާއި ސީދާ ގުޅުވާލެވުމުގެ ސަބަނުން، އިންޓަރނެޓް ގެ ސްޕީޑް އާއި  ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މީގެ އިތުރުން މި ކޭބަލްގެ ޒަރިއްޔާއިން 5ޖީ ފަދަ އަލަށް ތަޢާރަފުވާ ޓެކްނޮލޮޖީތަކާއި އާރޓިފިޝަލް އިންޓެލިޖެންސާއި އޭ.އާރުގެ ކުރިއެރުންތަށް ދިރާގުގެ ވިޔަފާރި އަދި ގޭމާރ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހުވެގެންދާނެއެވެ.

ދިރާގަކީ ކަސްޓަމަރުން ބޭނުންކުރައްވަމުންދާ ދިރާގުގެ  ޑިޖިޓަލް ޚިދުމަތްތަކުން ލިއްބައިދޭ ފަސޭހަތަށް އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޔެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް