އެފްވައިއެފްސީ 2022 - ޑީކޭއެންޒެޑް އާއި ގޯޅި ޔޫތު މޮޅުވުން މަޖުބޫރު މެޗެކަށް މިރޭ ނުކުންނަނީ

ލާމު ފޮނަދޫގައި މިހާރު ފެށިގެން ކުރިޔަށްދާ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެން މުބާރާތުގައި މޮޅުވުން މަޖުބޫރު މެޗަކަށް ޑީކޭއެންޒެޑާއި ގޯޅި ޔޫތް އެކްސް މިރޭ ނުކުންނާއެވެ. މުބާރާތުގެ ދެވަނަ މެޗުތަކަށް މިރޭ މި ޓ...

12 Aug 2022 | 07:08

ލާމު ފޮނަދޫގައި މިހާރު ފެށިގެން ކުރިޔަށްދާ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެން މުބާރާތުގައި މޮޅުވުން މަޖުބޫރު މެޗަކަށް ޑީކޭއެންޒެޑާއި ގޯޅި ޔޫތް އެކްސް މިރޭ ނުކުންނާއެވެ.

މުބާރާތުގެ ދެވަނަ މެޗުތަކަށް މިރޭ މި ޓީމުތައް ނުކުންނައިރު، މީގެން ކޮންމެ ޓީމެއް ވެސް ވަނީ ގުރޫޕު ސްޓޭޖުގެ އެއް މެޗު ކުޅެފައެވެ. އަދި ކުޅުނު މެޗުތަކުން މި ހުރިހާ ޓީމެއް ވެސް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.

ކޮންމެ ޓީމަކުން ވެސް މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ތިން މެޗު ކުޅެން ޖެހޭއިރު، އެއްމެ މެޗަކުން ވެސް ބަލިވުމަކީ ޓީމުތަކަށް ދެވަނަ ބުރަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމެއްކަން ޔަގީނެވެ. އެހެން ކަމުން ގުރޫޕު ސްޓޭޖުގައި ކުރިޔަށް އޮތް ބާކީ ދެމެޗުން މޮޅެއް ހޯދުން މިއިން ކޮންމެ ޓީމަކަށް ވެސް މަޖުބޫރުވާނެއެވެ.

މުބާރާތުގެ ފުރަތަަ މެޗުގައި މި ތިން ޓީމު ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު، ޑީކޭއެންޒެޑް ކުޅުނު ފުރަތަމަ މެޗުން އެޓީމު ވަނީ ސިކްސް ސެންސް ލާމު އަތުން 2-6 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ގޯޅި ޔޫތް އެކްސް ވަނީ ކިއުއެމް ސްޕޯޓްސް އެކަޑަމީ އަތުން 1-3 ގެ ނަތީޖާއިން ބަލިވެފައެވެ. އެހެން ކަމުން މިރޭ ކުޅޭ މެޗުތަކުން ކޮންމެ ހެންވެސް މޮޅެއް ހޯދުމަށް މި ދެޓީމަށްވެސް ވަނީ މަޖުބޫރުވެފައެވެ.

މިރޭގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެ މެޗު ކާމިޔާބު ނުކުރެވިއްޖެ ނަމަ ޑީކޭއެންޒެޑާއި ގޯޅި ޔޫތަށް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ގެއްލިގެން ދިއުމަކީ ވަރަށް ގާތް ކަމެކެވެ. މިއިން ކޮންމެ ޓީމަކަށް ވެސް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދަން ބޭނުންނަމަ ގުރޫޕު ސްޓޭޖުގައި ކުރިޔަށް އޮތް ދެމެޗުން ވެސް ރަނގަޅު ނަތީޖާއަކުން މޮޅުވުން މުހިންމެވެ.

ގުރޫޕު ސްޓޭޖުގެ ދެވަނަ މެޗަށް މިއަދު ހަވީރު އެލްވައިޑީއާއި ދެކޮޅަށް ހަލެފެ އެފްސީ ނިކުންނައިރު، ޑިކޭއެންޒެޑް ސްޕޯޓްސް ކުލަބު މިރޭ ނިކުންނާނީ ކިއުއެމް ސްޕޯޓްސް އެކަޑަމީއާއި ދެކޮޅަށެވެ. މި ދެ ޓީމު މި މެޗަށް ނިކުންނައިރު، ކިއުއެމް ސްޕޯޓްސް އެކަޑަމީ ވަނީ އެޓީމު ގުރޫޕު ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ. އެހެންކަމުން މިރޭގެ މި މެޗު ކާމިޔާބު ކޮށްގެން ދެވަނަ ބުރުން ޖާގަ ހޯދުމަށް އޮތް ފުރުސަތު ކިއުއެމް އަށް ވަރަށް ބޮޑަށް ފުޅާކޮށްލެވޭނެއެވެ.

އަދި މިރޭ ސިކްސް ސެންސް ލާމާއި ދެކޮޅަށް ގޯޅި ޔޫތް އެކްސް ނިކުންނައިރު، ސިކްސް ސެންސް ލާމުން ވަނީ އެޓީމު ގުރޫޕު ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ. އެހެން ކަމުން މިރޭގެ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ ދެވަނަ ބުރަށް ދިއުމަށް އޮތް މަގު އެޓީމަށް ވަރަށް ބޮޑަށް ފުޅާވެގެން ދާނެއެވެ.

ޑީކޭއެންޒެޑް ސްޕޯޓަސް ކުލަބު އަދި ކިއުއެމް ސްޕޯޓްސް އެކަޑަމީ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 20:30 ގައެވެ.

ގޯޅި ޔޫތް އެކްސް އަދި ސިކްސް ސެންސް ލާމު ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 20:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް