ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބް (އެފްއެމްއެސްސީ) އިންތިޒާމުކޮށްގެން ފޮނަދޫގައި މިހާރުު ކުރިޔަށް ގެންދާ ފޮނދޫ ޔޫތް ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު މެޗުތަކުން ކަންމަތި އެފްސީ އާއި ނެވަ ގިވްއަޕް އެސްސީ އަދި އައުޓްރީފް އެސްސީ މޮޅުވެއްޖެއެވެ.
ރޭ ފޮނަދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ ކަންމަތި އެފްސީ އާއި އައުޓްރީފް އެފްސީއެވެ. މި މެޗު 1-6 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ކަންމަތި އެފްސީންނެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއާއި އައުޓްރީފް އެސްސީއެވެ. މި މެޗު 0-5 ގެ ނަތީޖާއިން ކާމިޔާބު ކުރީ އައުޓްރީފް އެސްސީއެވެ.
ރޭގެ ފަހު މެޗުގައި ބައްދަލުކުރީ ފިލިއޮސް އެފްސީ އާއި ނެވަ ގިވްއަޕް އެސްސީއެވެ. މި މެޗު0-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ނެވަ ގިވްއަޕް އެސްސީންނެވެ.
މި މުބާރާތުގެ މެޗެއް މިއަދު ހަވީރުވެސް ކުޅޭނެއެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕު ބީގެ ދެޓީމު ކަމުގައިވާ ހަފެލެ އެފްސީއާއި އެލްވައިޑީއެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 5:00 ގައެވެ.
މިރޭ ވެސް މި މުބާރާތުގެ ތިން މެޗެއް ކުޅެން ހަމަޖެހިފައިވާއިރު، މިރޭ 20:30 ގައި ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ގުރޫޕު އޭގައި ހިމެނޭ ޑީކޭއެންޒެޑް ސްޕޯޓްސް ކުލަބާއި ކިއުއެމް ސްޕޯޓްސް އެކަޑަމީއެވެ.
މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕު ބީގައި ހިމެނޭ ކަންމަތި އެސްސީ އާއި އިސްދޫ ކައުންސިލެވެ. މިއީ ގުރޫޕު ބީގެ މެޗެކެވެ.
މިރޭ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ގޯޅި ޔޫތް އެކްސް އާއި ސިކްސް ސެންސް ލާމެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 10:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް