ތިމާވެއްޓަށް ގެއްލުން ހުރި ވިހަ ގޭސްތައް ދުނިޔެއަށް ދޫކުރާ މިންވަރު މަދުކުރުމަށް ސަބްރާ ގޮވާލައްވައިފި

ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ތިމާވެއްޓަށް ގެއްލުން ހުރި ވިހަ ގޭސްތައް ދުނިޔެއަށް ދޫކުރާ މިންވަރު މަދުކުރުމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ...

12 Aug 2021 | 17:52

ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ތިމާވެއްޓަށް ގެއްލުން ހުރި ވިހަ ގޭސްތައް ދުނިޔެއަށް ދޫކުރާ މިންވަރު މަދުކުރުމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ގޮވާލައްވައިފި އެވެ.

އެކަމަނާ މިހެން ގޮވާލެއްވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި، އެ ދާއިރާއިން ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމާއި ގުޅޭގޮތުން ބޭރުގެ ޑިޕްލޮމެޓުންނާއި، މަލްޓިލެޓެރަލް އެޖެންސީތަކުގެ ބޭފުޅުންނާ، ވަކި ވަކީން މިހާރު ކުރިއަށް ގެންދަވާ ބައްދަލު ކުރެއްވުމުގަ އެވެ.

އެކަމަނާ ވަނީ ނާޒުކު، ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ތިމާވެއްޓަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖެއަށް މާލީގޮތުންނާއި ފަންނީ ގޮތުން އެެހީތެރިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފަ އެވެ. އަދި ޞަބްރާ ވަނީ ރާއްޖޭގައި އިރުގެ އަލިން އިޢާދަކުރަނިވި ޙަކަތަ އުފައްދާ ނިޒާމުތަކަށް އިންވެސްޓު ކުރުމަށާއި، 2030 ވަނަ އަހަރާއި ހަމަޔަށް ރާއްޖެއިން ދޫކުރާ ކަރބަން އެމިޝަން ނެޓް ޒީރޯއަށް ހެދުމަށް އަމާޒު ހިފާފައިވާކަމަށް ހާމަކުރައްވާފަ އެވެ.

މީގެ އިތުރުން ޞަބްރާ ވަނީ ތިމާވެށީގެ ގޮތުން ހޫނުވަމުން އަންނަ ދުނިޔެއަކާއި ކުރިމަތިލުމަށް ރާއްޖެއިން ތައްޔާރުވުމުގައި ބޭނުންވާ ފަންނީ ހުނަރު ތަރައްޤީކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.

މިގޮތުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި އެކު ޞަބްރާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދެޤައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލްއާއި ޞަބްރާ ބައްދަލުކުރައްވައި، މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ލާމަރުކަޒީ އުޞޫލުން ކަންކަން ހިނގަމުންދާއިރު މީހުން ގައިގާ އެކަމަށް ބޭނުންވާ ހުނަރު އިތުރުކުރުން ހިމެނެ އެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތާރް މުޚްތާރާއި އެކު ޞަބްރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދެޤައުމަށް ކުރަމުންދާ އަސަރުތަކާއި، ތިމާވެއްޓަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ފަށާފައިވާ ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.

ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަންއާއިއެކު ޞަބްރާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ބަންގްލަދޭޝްއިން އިސްކަންދޭ ކަންކަމާއި، ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އާ ޖަޕަނީސް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީގެ ރެޕްރެޒެންޓެޓިވްއާއެކު ޞަބްރާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޖަޕާނު ސަރުކާރުގެ އެހީތެރިކަން ދެމިއޮތްކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޗައިނާގެ ޗާޖް ޑި އެފެއާޒް، ޔޫ ޒޫޔޮންގް އާއެކު ޞަބްރާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ޞަބްރާ ވަނީ ޗައިނާ ސަރުކާރުން އިޢާދަކުރަނިވި ޙަކަތަ އިތުރުކުރުމަށް ކުރާ މަސައްކަތް ފާހަގަކުރައްވާފަ އެވެ. އަދި، ދެބޭފުޅުން ވަނީ ރާއްޖެއާއި ޗައިނާގައި ތިމާވެއްޓާ ރަށްޓެހި އިޤްތިޞާދެއް ބިނާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ވެރާ ހަކީމާއި އެކު ޞަބްރާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ޔޫއެންޑީޕީގެ ފަރާތުން ތިމާވެއްޓާ ގުޅޭގޮތުން ރާއްޖޭގައި ކުރިޔަށް ގެންދާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

ކްލައިމެޓް އެމަރޖެންސީގެ ޙާލަތަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ބޮޑު ރޯލެއް އަދާކުރާ ކަމެކެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ވުޖޫދަށް ނުހަނު ބޮޑު ނުރައްކާތެރުކަމެއް މިވަނީ ކުރިމަތިވެފަ އެވެ.

މިދިޔަ ހޯމަ ދުވަހު އ.ދ. ގެ އިންޓަރގަވަމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖްއިން ނެރުނު ރިޕޯޓުގައިވާގޮތުގައި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ނޭދެވޭ އަސަރު ދުނިޔޭގެ ހުރިހާ ބައްރަކަށްވެސް އެބައޮތެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސްގައި ހިފެހެއްޓުމަށް ކާބަން ދޫކުރާ މިންވަރު ވަރަށް ބޮޑަށް ދަށްކުރަންޖެހޭކަންވެސް މި ރިޕޯޓުގައި ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް