ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނަށް ނައިބު ރައީސް ހިއްވަރު ދެއްވައިފި

މި މަހު ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނާއި އަދި ރާއްޖޭގެ ޑެލިގޭޝަނުގެ މެންބަރުންނާއި ޕެރަލިމްޕިކް ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދ...

12 Aug 2021 | 17:43

މި މަހު ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނާއި އަދި ރާއްޖޭގެ ޑެލިގޭޝަނުގެ މެންބަރުންނާއި ޕެރަލިމްޕިކް ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި އެތުލީޓުންނަށް ހިތްވަރު ދެއްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު އެވެ.

ޖަޕާނުގައި މި މަހުގެ 24 އިން އަންނަ މަހުގެ 5 އަށް ބާއްވާ ޕެރަލިމްޕިކްގައި ރާއްޖޭގެ ފަރާތުން ވާދަކުރުމަށް ފުރުޞަތު ލިބިފައިވަނީ މުޙައްމަދު މާޒިންއާ ފާޠިމަތު އިބްރާހީމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕެރަލިމްޕިކްގައި ރާއްޖެއިން ވާދަކުރާ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މި ދެ އެތުލީޓުންނާއި މުޅި ޑެލިގޭޝަނަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޚާއްޞަގޮތެއްގައި މާޒިންއާ ފާޠިމަތު އިބްރާހީމަކީ ވަރަށް އަޒުމާއި ހިތްވަރާއެކު ކުރިޔަށްދާ ދެ އެތުލީޓުންކަން ފާހަގަކުރައްވައި ދެ ބޭފުޅުންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގަންވާފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި މި ދެ އެތުލީޓުން ވަނީ މުބާރާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެބޭފުޅުންނާ ބައްދަލުކުރައްވައި ހިތްވަރުދެއްވީތީ އެކަން އުފަލާއެކު ފާހަގަކޮށްފަ އެވެ. އަދި މި މުބާރާތުގައި ކާމިޔާބު ހޯދައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަކީ ވަރަށްބޮޑު އުންމީދެއްކަން މި ދެ އެތުލީޓުންވެސް ފާހަގަކުރި އެވެ.

ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކް ގޭމްސްގައި މުޙައްމަދު މާޒިންއާއި ފާޠިމަތު އިބްރާހީމް ވާދަކުރުމަށް ހަމަޖެހިފައި ވަނީ 100 މީޓަރ ސްޕްރިންޓުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ރާއްޖޭގެ ޕެރަލިމްޕިކް ޑެލިގޭޝަނުން ވަނީ ޕެރަލިމްޕިކް ގޭމްސްއަށް ރާއްޖޭގެ އެތުލީޓުން ތައްޔާރުކޮށްދިނުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފް އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި މިނިސްޓަރަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފައްދަވައި އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވުނު އިންޑިއަން އައިލެންޑްސް ގޭމްސްގައި ފުރަތަމަ ޕެރާ އެތުލީޓެއްގެ ގޮތުން މުޙައްމަދު މާޒިން ބައިވެރިވެ، ރާއްޖެއަށް ވަނީ ބްރޮންޒް މެޑަލް ހޯދައިދީފަ އެވެ.

ޖަޕާނުގެ ޓޯކިޔޯގައި ބާއްވާ ޕެރަލިމްޕިކުގައި ބައިވެރިވުމުގެ ތައްޔާރީތައް 2019 ވަނަ އަހަރުން ފެށިގެން ކުރިޔަށްދާއިރު، މި ސަރުކާރުން ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން ފުރުޞަތުތައް ތަނަވަސް ކޮށްދިނުމަށް ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް