ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގި އިންކުއަރީގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކޮށް މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއަދު ބޭއްވި ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުކުރެއްވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ (ރެކޮމެންޑޭޝަންތަކުގެ) ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒުކުރަން ޖެހޭ ކަންކަން ވަނީ ފާހަގަކުރައްވާފައި ކަމަށެވެ.
މި ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ، މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތަކެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް ނުދީ ރައީސް އޮފީހުން ވިދާޅުވީ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ މަޝްވަރާކުރައްވާފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް