އެމްއެންޕީ ރައްޔިތުންނާއި ގާތަށް ދިއުމަށް އަތޮޅުތެރޭގެ ފުރަތަމަ އޮފީސް އައްޑޫގައި ހުޅުވަނީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އޮފީހެއް އަތޮޅު ތެރޭގައި ހުޅުވުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ. އެ ޕާޓީން ބުނީ އަތޮޅު ތެރޭގައި ހުޅުވާ އެންމެ ފުރަތަމަ އޮފީސް ހުޅުވުމަށް ހަމަޖެހިފައިވަނީ އަ...

12 Aug 2021 | 15:13

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އޮފީހެއް އަތޮޅު ތެރޭގައި ހުޅުވުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އެ ޕާޓީން ބުނީ އަތޮޅު ތެރޭގައި ހުޅުވާ އެންމެ ފުރަތަމަ އޮފީސް ހުޅުވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ކަމަށެވެ. އެ އޮފީސް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް މަސައްކަތް ނިންމައި ތަން ހުޅުވޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

އެމްއެންޕީން ބުނީ އަތޮޅު ތެރޭގައި އޮފީސްތައް ހުޅުވަން ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުން ކަމަށެވެ. އެ ޕާޓީއަކީ ރައްޔިތުން އެދޭ ކަންކަން ހާސިލް ކޮށްދޭނެ ޕާޓިއެއް ކަމަށް ބުނެ އެވެ.

އެމްއެންޕީން ވަނީ މާލޭގައި ރެޖިސްޓްރޭޝަން އޮފީހެއްވެސް ހުޅުވާފަ އެވެ. މި އޮފީސް ހުޅުވީ ޕާޓީގައި ރެޖިސްޓްރީވާން ބޭނުންވާ ގިނަ ބަޔަކު ތިބުމުން އާންމު މެމްބަރުން ޕާޓީއަށް ސޮއި ކުރުމުގެ ކަންކަން ކުރިޔަށް ގެންދަން ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް މީގެ ކުރިން ބުންޏެވެ.

އެމްއެންޕީ އަކީ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕާޓީއެކެވެ. ނާޒިމް ވިދާޅުވެފައިވަނީ އެޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށެވެ.

ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް ވިދާޅުވެފައި ވެ އެވެ. އަދި އެ ޕްރައިމަރީގައި އޭނާ ވާދަ ކުރައްވާނެކަން ނާޒިމް ވަނީ އިއުލާނު ކުރައްވާފައި އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެމްއެންޕީ އުފެއްދުމުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު (ޖޭފޯ) އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ބައިވެރިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް