ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ޝަރުތުތަކަކާއި އެކު ނުވަތަ މީހަކު ޖާމިނުވާ ގޮތަށްވެސް ދޫކޮށްލެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އައްމަޓީ އާއި ދެކޮޅަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. މި ދައުވާތައް އޭނާ އާއި ދެކޮޅަށް ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ.
މި ދައުވާތައް އުފުލާފައިވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އަޅާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށް ފަހު އަންމަޓީ ފިލި މައްސަލައިގަ އެވެ. އައްމަޓީގެ ސީލައިފް އިން ފްލެޓު ދޭނެ ކަމަށް ބުނެ 280 މީހަކު އަތުން އޭނާ ފައިސާ ހޯދާފައިވެ އެވެ.
މި މައްސަލައިގަ ލަންކާއިން އޭނާ ހައްޔަރުކޮށސް ގެނެސްފައިވާއިރު ޝަރީއަތް ނިމެންދެން ހުރީ ބަންދުކޮށްފައި އެވެ. އެކަމަކު އައްމަޓީގެ ފަރާތުން ވަނީ ދައުލަތުގެ އިދާރާއަކަށް ކޮންމެ ދުވަހަކު ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތުކޮށް ނޫނީ ކަފާލާތުގެ ދަށުން މީހަކު ޖާމިނުވެގެން ދޫކޮށްދިނުމަށް އެދިފަ އެވެ.
މި މައްސަލައިގަ މިއަދު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވިދާޅުވީ އަންމަޓީގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ މަސްލަހަތު ގެއްލި، ކުށް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށެވެ.
އަދި، ޝަރުތުތަކަކާއެކު އަންމަޓީ ދޫކޮށްލި ނަމަވެސް އެ ޝަރުތުތަކަށް އޭނާ އަމަލު ކުރާނެ ކަމަކަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ. ޝަރީއަތަށް ބޮޑަށް ބުރަވެވެނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން ގޮސްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ، ގާޒީ ނިންމެވީ މި ހާލަތުގައި އަންމަޓީ ބަންދުން ދޫނުކުރުމަށެވެ. ނަމަވެސް، 30 ދުވަހުން ފަހުން އަނެއްކާވެސް ބަންދު ރިވިއު ކުރާއިރު ހާލަތު ބަދަލުވެފައިވާނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އައްމަޓީ ވަނީ ފްލެޓު ދޭނެ ކަމަށް ބުނެ ފްލެޓު ގަންނަން ބޭނުންވި ކޮންމެ މީހެއްގެ އަތުން ބުކިން ފީ އެއްގެ ގޮތުގައި 50،000 ރުފިޔާ ނަގާފައިވާއިރު، އެ ފައިސާތައް ހިފައިގެން އައްމަޓީ ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަ އެވެ.
މި ފްލެޓްތަކަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ފައިސާ ދެއްކިއިރު ބައެއް ފަރާތްތަކުން ވަނީ ފުލް ޕޭމެންޓް ދައްކާފަ އެވެ. އެކަމަކު ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވެ އެވެ.
މި މައްސަލައިގަ ގާނޫނުލް އުގޫބާތުގެ 215 ވަނަ މާއްދާގެ އެއް ނަމްބަރުގެ ދަށުން 12 ދައުވާއަކާއި އެ މާއްދާގެ އެހެން ނަމްބަރެއްގެ ދަށުން 25 ދައުވާއަކާއި އިތުރު ފަސް ދައުވާ އެއް އުފުލާފައިވެ އެވެ. ޕީޖީ އޮފީހުން ބުނީ މި ދަޢުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް އައްމަޓީއަށް ކަނޑައެޅޭނެކަމަށް ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް