އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފި އެވެ.
އޭނާ ކުޅުދުއްފުއްޓަށް ވަޑައިގެންފައިވަނީ މިއަދު އެވެ. އަދި އެސިޓީގެ އާރުޑީސީގެ މުވައްޒަފުންނާ ބައްދަލުކުރައްވާ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައުލޫމާތު ވަނީ އޮޅުންފިލުވާލައްވާފަ އެވެ.
ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ ފޭސް 2 ގައި ސޮއިކޮށްފައިވަނީ 25 ފެބްރުއަރީ 2021 ގަ އެވެ. އަދި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއްބަސްވުމުގައ ސޮއިކުރާތާ 510 ދުވަސް ތެރޭ އެވެ.
މި މަޝްރޫއުގެ އަގަކީ އެއް މިލިއަން ރުފިޔާ އެވެ.
ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއުގެ ފޭސް 2ގެ ދަށުން 24 މަގެއް ޒަމާނި ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އިރު، ޖުމްލަ 37633.90 މީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ޑިޒައިން އެންޑް ބިލްޑު އުސޫލުން އާރުޑީސީއާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ކުޅުދުއްފުށި މަގުހެދުމުގެ މަޝްރޫއުގެ ފޭސް 2 ގައި 24 މަގެއް ތަރައްގީ ކުރާއިރު، އެ މަގުތަކުގައި ސައިޑްވޯކް ހެދުމާއި ފެންހިނދާ ނިޒާމް ގާއިމް ކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ސްޕީޑް ބްރޭކަރުތައް ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިމަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އާރުޑީސީން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ނުވަތަ ސައިޓު ގާއިމް ކުރުމުގެ މަސައްކަތެވެ.
މީގެ ކުރިން ވަނީ މި މަޝްރޫއުގެ ފޭސް އެކެއްގެ މަސައްކަތްތައް ނިމިފަ އެވެ.
މިމަޝްރޫއުގެ ފޭސް 1 ގައި ޖުމްލަ 13 މަގެއް ކުރިން ވަނީ ހަދާ ނިމިފަ އެވެ. އަދި ފޭސް 2 ގެ މަސައްކަތްތަކުގެ ތެރެއިން ފޭސް 1 ގައި މަސައްކަތް ކުރި މަގުތަކުގައި، މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ޒިބްރާކްރޮސް އެޅުމުގެ މަސައްކަތް ފޭސް 2 ގެ ތެރެއިން ކުރިއަށް ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް